12 ޖުލައި 2016 - 16:40

މައިނަ ހާޓްއެޓޭކެއް ޖެހިގެން ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މިނިސްޓަރު ޒަމީރުގެ ގާތް ބޭފުޅަކު ލަންކާގައި ހުންނަވައި ފޯނުން މިއަދު ވިދާޅުވީ ޒަމީރުގެ ހާލު ރަނގަޅު ކަމަށެވެ. ދެ ދުވަހެއްގެ ތެރޭ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ހޮސްޕިޓަލެއްގައި ޒަމީރު އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ލަންކާ އިން ރާއްޖެ އަށް ވަޑައިގަތުމަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި ފަހުން މެޔަށް ތަދެއް އެރުމާ ގުޅިގެންނެވެ.
ޑޮކްޓަރުން ބެލިބެލުމުން އެނގުނު ގޮތުގައި މިނިސްޓަރުގެ ހިތު ލޭ ނާރެއްގެ 90 ޕަސެންޓް ހުރީ ބްލޮކްވެފަ އެވެ. އެހެންވެ ލަންކާ ހޮސްޕިޓަލްގައި ވަނީ އެންޖީއޯޕްލާސްޓީ ހަދައިފަ އެވެ.