21 ޖެނުއަރީ 2018 - 11:27

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގައި ދަށުވެ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ، ކޯޓު އަމުރަކާ އެކު ކަސްޓަމްސްގެ ތަހުގީގު ޓީމުތަކުން ފުލުހުންނާ އެކު ގާސިމްގެ ރިސޯޓުތަކަށް އަރައި، އެ ތަންތަން ފާސްކޮށް، ބައެއް ތަކެތި ގެންދާ މައްސަލަ އަށް އިޝާރާތް ކުރައްވަ އެވެ.
ސިނާން ވިދާޅުވީ ސިފައިންނާއި ފުލުހުން އަދި ކޯޓުތަކުން ރައީސް ޔާމީނާ ދެކޮޅުވަމުންދާ ކަން އެ މަނިކުފާނަށް މިހާރު އިހްސާސް ކުރެއްވޭނެ ކަމަށެވެ. ގާސިމްގެ ރިސޯޓުތަކުން މުދާ ގެންދަން ކޯޓުން އަމުރެއް ނުދިނުން ވެސް އެކަމަށް ފުދޭނެ ކަމަށް ވިދާޅުވި އެވެ.
ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ޕާޓީން އެދިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސިނާން ސޮއި ކުރެއްވުމުންނެވެ.
އޭގެ ފަހުން ޕީޕީއެމުން އަމިއްލަ އަށް ވަކިވެވަޑައިގަތުމަށް ފަހު ސިނާން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން ދާ ކަމުގެ ތުހުމަތުގަ އެވެ. މިއީ، ގާސިމަށް ބިރު ދައްކައި އޭނާގެ މުދާ ފޭރިގަތުމަށް ހިންގާ އަމަލެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ.
ނަމަވެސް ކަސްޓަމުން ބުނާ ގޮތުގައި ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމަށް މިހާރު ހިންގާ އޮޕަރޭޝަނަކީ ވަކި ކުންފުންޏެއްގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫނެވެ.