ކާބުލްގެ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާގައި ފަސް މަރު
ކާބުލްގެ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާގައި ފަސް މަރު

ކާބުލް (ޖެނުއަރީ 21) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓަލަށް ރޭ ދޭން ފެށި ޓެރަރިސްޓް ހަމަލާގައި ފަސް މީހުން މަރާލައިފި އެވެ.

ކާބުލްގެ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާގައި ފަސް މަރު
ކާބުލްގެ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާގައި ފަސް މަރު

އިންޓީރިއާ މިނިސްޓްރީން ބުނީ މަރުވި މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭ ކަމަށެވެ. ހަމަލާ ދިން ހުރިހާ ޓެރަރިސްޓުން މަރާލުމަށް ފަހު އެ ހަމަލާ މިއަދު ހެނދުނު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

"ހަމަލާ ދިން ހުރިހާ ޓެރަރިސްޓުން ވަނީ މަރާލާފައި. ހަމަލާ ނިމުމަކަށް ގެނެވުނީ 12 ގަޑިއިރަށް ފަހު،" އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާން ނަޖީބު ދާނިޝް ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތުން ވަނީ 153 މީހުން ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ބިދޭސީ 40 މީހުން ވެސް ހިމެނެ އެވެ.

ހަތިޔާރު އަޅައިގެން ތިބި މީހުން ރޭ އިރާކޮޅު ހޮޓަލަށް ވަނުމަށް ފަހު ވަނީ ގެސްޓުންނާއި ސްޓާފުންނަށް ހަމަލާދޭން ފަށައިފަ އެވެ. ހަ ބުރިއަށް ހުރި އިމާރާތަށް ޓެރަރިސްޓުން ވަދެފައި ވަނީ، ފުރަތަމަ ސެކިއުރިޓީ ގާޑުންނަށް ހަމަލާދީ އަތު ބޮން ގޮއްވުމަށް ފަހު އެވެ. މި ހަމަލާދީފައި ވަނީ ހޮޓަލުގެ ސެކިއުރިޓީއާ އަމިއްލަ ކުންފުންޏަކުން ހަވާލުވިތާ ދެ ހަފުތާ ފަހުންނެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ހަމަލާ ދިން އިރު ހޮޓަލުގައި ދިޔައީ އައިޓީ ކޮންފަރެންސެއް ބާއްވަމުންނެވެ.

އިންޓަކޮންޓިނެންޓަލް ހޮޓަލަށް ހަމަލާދީފައި މި ވަނީ ކާބުލްގެ ހޮޓާތަކަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާ އެމްބަސީން ދީފައި ވަނިކޮށެވެ.

ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓަލަށް 2011 ވަނަ އަހަރު ދިން ހަމަލާގައި ވަނީ 21 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ހަމަލާ ދިން ނުވަ މީހުން ވެސް ހިމެނެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން ކާބުލްގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. އެ ފަހަރު ގޮއްވާލި ޓްރަކް ބޮމެއްގައި ވަނީ 150 މީހުން މަރުވެފަ އެވެ.