21 ޖެނުއަރީ 2018 - 10:28

އޭއެފްސީ ކަޕު ޕްލިމިނަރީ ބުރުގައި އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ސައިފް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ އިތުބާރާ އެކު މޮޅަކަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ބަންގްލަދޭޝް އަށް ފުރުމުގެ ކުރިން މީޑިއާ އަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ ލިބުނު ވަގުތު ކުޑަނަމަވެސް ޓީސީގެ އަމާޒަކީ މޮޅެއް ކަމަށެވެ.
"މެޗުން މޮޅުވާން މަސައްކަތްކުރާނީ. ލިބުނު ޓައިމް ފްރޭމް ވަރަށް ކުޑަ. އެހެން ނަމަވެސް މި ތައްޔާރީއާ އެކު ބޭނުންވަނީ މި މެޗުން މޮޅުވެގެން އަންނަން،" ނިޒާމްބެ ބުންޏެވެ.
މިއީ ޓީސީން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ހަތަރު ވަނަ އަހަރެވެ. މިވީ މުއްދަތު ތެރޭގައި އެ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ސަރަހައްދީ ބޮޑު މުބާރާތަކަށް ނުކުންނައިރު، ޓީސީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ އެއްބައިވަންތަ ކަމެވެ. ނިޒާމްބެ ބުނީ ކުރާ މަސައްކަތް މެނޭޖްމަންޓުން ބަލައިގަތުމަކީ ވެސް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
"ހަގީގަތުގައި ކްލަބްގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޝުކުރު އަދާކުރި. މި ހިސާބަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޓީމު އާދެވުނީމަ. ބުނަން ޖެހޭނީ ހަމަ މުޅި ޓީމުން ކުރި މަސައްކަތޭ މިއީ. ކޯޗެއްގެ ހައިސިއްޔަތުން މިއީ ވަރަށް ބޮޑު އެވީޗްމަންޓެއް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މިހާ ހިސާބުން މީތި ނިންމާލުމެއް ނޫން ކަންނޭނގެ ދެން ހަމަ ގްރޫޕް ސްޓޭޖަށް ދެން ނޫނީ ދެވޭ އެންމެ ދުރަށް ދިއުން މަގްސަދަކީ،" ނިޒާމްބެ ބުންޏެވެ.
ޓީސީން މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގެނައި ބިދޭސީ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ކުޅުނު މިސްރުގެ ޑިފެންޑަރު އަލާ ނާސިރުގެ އިތުރުން ބެލަރޫސްގެ ކީޕަރު ޑިމިޓްރީ އަސްނިން، ކިރިގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވް އަދި ނައިޖީރިއާގެ ފޯވާޑް ޕީޓަ ކޮލަވޯލޭ އެވެ. މީގެ ތެރެއިން ކޮލަވޯލޭ އަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ އެވެ.
"ސްޓްރައިކަރުގެ (ކޮލަވޯލޭ) މައްސަލައެއް ދިމާވެގެން އޭނަ އަށް މި މެޗުގައި ނުކުޅެވޭނެ. އޭގެ އިތުރުން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އައްޒާމް އިއްޔެގައި ޕްރެކްޓިހުގައި ލިބުނު އިންޖަރީއެއްގެ ސަބަބުން މި މެޗުގައި ބައިވެރިވުމާ ގުޅޭގޮތުން އަދި މުޅިން އެއްޗެއް ބުނާކަށް ނޭނގެ. ޓީމާ އެކު އޭނާ ދަތުރުކުރޭ، ދެ ދުވަސް ތެރޭ ރިކަވާ ވާނެ ކަމަށް ބުނަނީ. ރިކަވާ ވެއްޖިއްޔާ ބޭނުންކުރާނަން،" ނިޒާމްބެ ބުންޏެވެ.
ޓީސީ އަށް ބިދޭސީ ކުޅުންތެރިންގެ ފަރާތުން އޮތް އެއް ހިތްހަމަ ޖެހުމަކީ މިޑްފީލްޑަރު އަނަޓޯލީ ޓީމުގެ ސްޓައިލަށް ވަރަށް އަވަހަށް ހޭނުނުއިރު، ޓީމުގެ އެޓޭކުގައި ރާއްޖޭގެ ފެންވަރުގައި ރަނގަޅު ކުޅުންތެރިންތަކެއް ތިބުމުންނެވެ.
"ކުރީގައި ވެސް އެބަތިބި ރާއްޖޭގައި މިދިޔަ ސީޒަނުގައި އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިންގެ ތެެރެއިން އިއްބެ. (އިބްރާހިމް މަހުދީ). ދެން އައިސްފި ސައްޓު (އިޝާން އިބްރާހިމް) އަދި އާރީ (އަހުމަދު އާރިފް). އެ ކުޅޭ ގޭމް ރަނގަޅަށް ކުޅެފިއްޔާ ސްކޯރިން ވެސް ރަނގަޅުވާނެ،" ނިޒާމްބެ ބުންޏެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ޖާގަ ސައިފަށް ލިބުނީ ބަންގްލަދޭޝް ލީގާއި ކަޕް ޑާކާ އަބަހާނީ ކާމިޔާބުކުރިއިރު، ލީގުގައި ދެން އޮތް ގަދަ ތިން ޓީމުގެ ތެެރެއިން އޭއެފްސީ ލައިސަންސް އޮތީ ސައިފް އަތުގައި ކަމަށްވާތީ އެވެ. ސައިފް އަކީ މިދިޔަ އަހަރު ލީގުގެ ހަތަރު ވަނަ އެވެ.
އޭއެފްސީ ކަޕާ ދިމާކޮށް ސައިފް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޗިޓަގޮން އަަބަހާނީ އަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ލޯން އުސޫލުން ވަނީ ސައިފަށް ގެނެސްފަ އެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ވެސް އެ ޓީމާ ވަނީ ގުޅިފަ އެވެ.
ނިޒާމްބެ ބުނީ ސައިފް އެންމެ ފަހުން ކުޅުނު މެޗުތައް ބަލައި އެ ޓީމުގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
"އެ މީހުން (ސައިފް) ލީގުގައި ފަހުން އެ ކުޅުނު ހަ މެޗު ވަރަކަށް ބަލައިފިން. ދެ މެޗު ވަރު ލައިވްކޮށް ވެސް ބަލާލިން. ފަހުން ކުޅުނު މެޗުގައި އެމީހުން ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ވެސް ކުޅުވި. ދެން އެ ޓީމުގެ ވައްޓަފާޅި އަށް ބަލާފައި ހުރިހާ ކަމެއް މި ބޭސް ކުރަނީ،" ނިޒާމްބެ ބުންޏެވެ.
ސައިފާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗު އަންނަ އަންގާރަ ދުވަހު އޮންނައިރު، މާލޭގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ މި މަހު 30 ގަ އެވެ.