23 ޖެނުއަރީ 2018 - 06:21

ޓެކްނޮލޮޖީގެ މި ޒަމާނުގައި ވަޗުއަލް ރިއަލިޓީ ނުވަތަ ވީއާރްގެ ތަޖުރިބާއަކީ ކޮންމެ މީހަކު ވެސް ކޮށްލާ ހިތްވާނެ ތަޖުރިބާއެކެވެ. އެކަމަކު މިހާތަނަށް އައި އިރުވެސް ވީއާރް ހެޑްގިއަރުތައް އުފައްދާފައިވަނީ ބޮޑެތި މީހުންނަށް އަމާޒުކޮށްގެންނެވެ.
ބައެއް ޑިވައިސްތައް ވިއްކަނީ 13 އަހަރުން މައްޗަށް ބޭނުން ކުރުމަށް ޝަރުތުކޮށްގެންނެވެ. މާޖު މިނީއަކީ މި ކަމަށް ގޮންޖަހައި އުފެއްދި ހެޑްގިޔަރެކެވެ. ބޭނުމަކީ ކޮންމެހެން ވީއާރަށް ކުޑަކުދިން ހިތް ޖެއްސުން ނޫންކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެ ތަޖުރިބާކޮށްލަން 13 އަހަރު ވަންދެން މަޑުކުރަންޖެހޭތީއެވެ.
މާޖު މިނީގައި އެ ކުންފުނީގެ މާޖު ގޮގްލްސްއާ އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ބޮލުގައި އަޅާލީމާ އުނދަގޫނުވާހާ މަޑުކަމާއި ކުޑަ ކުދިންގެ ބޮލަށް ވެސް ހެޔޮވަރުކޮށްލެވުމާއި ސާފުކުރަން ފަސޭހަވުމާއި އެންޑްރޮއިޑްއާއި އައިއޯއެސްގެ ގިނަ ފޯނުތައް މީގައި ބޭނުންކުރެވޭކަން ފާހަގަކޮށްލެވެއެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން އުފެއްދި މާޖު މިނީ އަކީ އަތްފޯރާ ފަށުގައި ވާޗުއަލް އަދި އޮގްމެންޓަޑް ރިއަލިޓީގެ ތަޖުރިބާ ކުޑަކުދިންނަށް އިހުސާސްކުރުވާނެ ހެޑްގިޔަރެކެވެ. މި ވިއްކާނެ ކަމަށް ވަނީ 30 ޑޮލަރަށެވެ.