21 ޖެނުއަރީ 2018 - 09:45

އިސްތަންބޫލް، ތުރުކީ (ޖެނުއަރީ 21) - އާސެނަލްގެ ކޯޗުކަމުގައި އާސެން ވެންގާ ހުރުމުން ގެއްލެނީ ހަމައެކަނި އެ ޓީމުގެ ކުޅުންތެރިން ނޫން ކަމަށާއި ސަޕޯޓަރުން ވެސް ގެއްލޭ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ޓޯގޯގެ ފޯވާޑް އެމަނުއަލް އަޑެބަޔޯ ބުނެފި އެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު އާސެނަލް ދޫކޮށް އެ ޓީމުގެ ނަން މަޝްހޫރު ކުޅުންތެރިން އިނގިރޭސި ޕްރިމިއާ ލީގުގެ ވާދަވެރި ކްލަބްތަކަށް ބަދަލުވުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ވަރަށް އަވަހަށް އަލެކްސިސް ސަންޗޭޒް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާސެނަލްގައި 2006 އިން 2009 އަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު އަޑެބަޔޯ ބަދަލުވީ މެންޗެސްޓާ ސިޓީ އަށެވެ. އަޑެބަޔޯ އާސެނަލް ދޫކޮށްލީ ވެންގާއާ މައްސަލަ ޖެހިގެން ކަމަށް މީޑިއާ އިން ވަނީ އޭރު ރިޕޯޓްކޮށްފަ އެވެ. މިހާރު ތުރުކީގެ އިސްތަންބޫލް ބަސަކްސެހިރަށް ކުޅެމުން އަންނަ އަޑެބަޔޯ ބުނީ ވެންގާ އަށް އޭނާ އިހުތިރާމް ނުކުރާ ކަމަށެވެ.
"ވެންގާ އަހަރެން ގާތުގައި ބުނީ އަހަރެންގެ މުސްތަގުބަލެއް އާސެނަލްގައި ނެތޭ. ކެރިއަރަށް ވިސްނައިގެން ކުރިއަށްދާށޭ. އެކަމަކު އަހަރެން އާސެނަލްގައި މަޑުކުރަން ބޭނުންވި. އެކަމު ކްލަބުން އެ ފުރުސަތު ނުދިނުމުން އަހަރެން ސިޓީއަށް ދިޔައީ. އެކަމަކު ދެން އަހަންނަށް ފެނުނީ ލަންޑަނުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވެންގާ ބުނިތަން އަހަރެން ސިޓީއާ ގުޅުނީ ފައިސާއަށް ކަމަށް. އެއީ ތެދެއް ނޫން. މި ކަހަލަ ކަންތައްތަކުގެ ސަބަބުން އަހަރެން ވެންގާ އަށް އިހުތިރާމް ކުރަން ބޭނުމެއް ނޫން،" އަޑެބަޔޯ ބުންޏެވެ.
އޭނާ ބުނީ އާސެނަލްގައި މަޝްހޫރު ކުޅުންތެރިން މަޑުކުރަން ބޭނުންނުވަނީ ވެންގާގެ ސަބަބުން ކަމަށާއި އޭނާއާ މެދު ނުރުހިގެން ސަޕޯޓަރުން ވެސް ކްލަބާ ދުރުވާ ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަކީ ކުޅުންތެރިންގެ އިހުތިރާމް ލިބޭ ކޯޗެއް ކަމަށް އަޑެބަޔޯ ބުންޏެވެ.
"މޮރީނިއޯ އަކީ ހަގީގަތް އޮޅުވާނުލާ ވާހަަކަ ދައްކާ މަދު ކޯޗުންގެ ތެރެއިން އެކެއް. އަހަރެން މޮރީނިއޯއާ އެކު މަސައްކަތް ކުރާހިތްވަނީ ވެސް އެ ސަބަބާ ހުރެ. ކުޅުންތެރިންނަށް ދޭން ޖެހޭ އިހުތިރާމް މޮރީނިއޯ ދޭ،" ލޯން އުސޫލުން ރެއާލް މެޑްރިޑަށް ކުޅުނު ސީޒަނާ ގުޅޭގޮތުން އަޑެބަޔޯ ބުންޏެވެ.