24 ޖެނުއަރީ 2018 - 08:27

ކާބޯތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަހަރަކުން ބޭނުންކުރަން އައިސްއަލަމާރިއަށް ލުމަކީ އަހަރެމެންގެ އާދައެކެވެ. ލޯމަތިން ގެއްލުމުން ގިނަ ފަހަރަށް ވާގޮތަކީ އޭގެ މަތިން ހަނދާނެއް ނުހުރެއެވެ. ދެން ފެންނަނީ ނުބައިވެގެން އުކާލަންޖެހުމުންނެވެ.
ސްމާޓާވެޔާ އަކީ ކާތަކެތީގެ ތާޒާކަން ވަޒަންކޮށްދޭ އުފެއްދުމެކެވެ. ސްމާޓާވެޔާ ސެޓުގައި ހުންނަނީ މަތިޖަހާ ބަންދުކުރެވޭ ތައްޓަކާއި ތުންބައްދައިދޭ ދައްޗަކާއި ކޮޅުގައި އަޅުވާލާ ޕްލާސްޓިކު ވާފަށެކެވެ. މިއިން ކޮންމެ ބަންދެއް އަޅުވާފައި ވެސް ތަކެތީގެ ބާވަތާއި ބަންދުކުރި ދުވަހެއް، ސްމާޓްފޯން އެޕަކަށް އަންގަންޖެހެއެވެ. އޭރުން ތަކެތީގެ ބާވަތަށް ބަލައިގެން، ނުބައިވާނެ ކަމަށް ބެލެވޭ ދުވަސްތައް ދެނެގަނެ، އެ ކަން އަންގަމުންދާނެއެވެ.
ސްމާޓާވެޔާއިން ރައްކާކުރާ ކާތަކެތީގެ ފެންވަރު އަންގައިދެނީ ވަކި ތިން ކުލައަކުންނެވެ. ތާޒާ ނަމަ ފެހިކުލައެވެ. ދުވަސްވަމުންދާ ނަމަ ބަދަލުވާނީ ރީނދޫ ކުލައަށެވެ. ނުބައިވުމުން ދައްކާނީ ރަތްކުލައެވެ. މި ކުލަތައް ފެންނާނީ ތަށީގެ މަތިގަނޑާއި ދައްޗާއި ޕްލާސްޓިކު ވާފަށުގެ މަތީގައި އޮންނަ ވައް ފާހަގައަކުންނެވެ. އޭގެ ކުލަ ބަދަލުވަނީ ހާއްސަ ބާރަކުން ނޫނެވެ. ފޯނު އެޕަށް އެޅި މައުލޫމާތުގެ އަލީގައެވެ.
ސްމާޓާވެޔާގައި ރައްކާކުރި ކާނާ، ނުބައިވުމުގެ ކުރިން ބޭނުންކުރުމަށް، ފޯނު އެޕްގެ އެހީގައި ހަނދާންކޮށްދެމުންދާނެއެވެ. މުޅިން ނުބައި ނުވަނީސް އެއިން ހެދިދާނެ ކާބޯތަކެތީގެ ރެސިޕީ ވެސް ކިޔައިދެމުންދާނެ އެވެ.