އަގުއޭރޯގެ ހެޓްރިކުން މޮޅުވެ ސިޓީ ލީޑު ދަމަހައްޓައިފި
އަގުއޭރޯގެ ހެޓްރިކުން މޮޅުވެ ސިޓީ ލީޑު ދަމަހައްޓައިފި

މެންޗެސްޓާ (ޖެނުއަރީ 21) - އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ހެޓްރިކުން 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު 24 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރޭ ރަށުން ބޭރުގައި 1-0 އިން ބާންލީ ބަލިކުރިިއިރު، ޔުނައިޓެޑަށް 24 މެޗުން ލިބުނީ 53 ޕޮއިންޓެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 24 މެޗުން 50 ޕޮއިންޓާ އެކު އެވެ. ޗެލްސީ ވަނީ ރޭ ރަށުން ބޭރުގައި 4-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި އަގުއޭރޯ ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 22 ގޯލު ހަމަކޮށްފަ އެވެ. މީގެ އިތުރުން ވެސް މި މެޗުގައި ސިޓީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޖެކޮބް މާފީ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން 4-3 އިން ބަލިވުމުން ރޭގެ މެޗަށް ސިޓީން ނުކުތީ އެކަން ހަނދާން ނައްތާލުމަށް ނިއުކާސަލް ބަލިކުރުމަށް ކަމަށެވެ.

"ވަރަށް ރަނގަޅަށް ކުޅެފި. ހާއްސަކޮށް މެޗަކުން ބަލިވުމަށް ފަހު އަލުން ރިކަވާ ކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު ސިޓީ ކުޅުންތެރިން ދެއްކި ކުޅުމުން އަލުން ކުރީގެ ފޯމު އަވަހަށް ގެނެވިދާނެކަން ސާބިތުވެއްޖެ. އަހަރެމެން ލަނޑު ޖެހިން. އިދިކޮޅު ޓީމަށް މާ ގިނަ ފުރުސަތެއް ނުދެން. ޖެހިޖެހިގެން ދެ މެޗުގެ ނަތީޖާ ގޯސްވުމުގެ ފުރުސަތު ނުދެން. މިހުރިހާ ކަމަކަށް ބަލާއިރު ހިތްހަމަ ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ބާންލީ ކޮޅަށް ރޭ ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ ވިންގް އެންތަނީ މާޝިއަލް އެވެ. އިތުރު ލަނޑެއް ޖަހަން ޕައުލް ޕޮގްބާ އާއި ޖެސޭ ލިންގާޑް އަދި މާކަޝް ރެޝްފޯޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ބްރައިޓަން ކޮޅަށް ޗެލްސީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އެޑެން ހަޒާޑް އެވެ. މި މެޗުގައި ޖެހި ލަނޑުތަކާ އެކު ހަޒާޑް ވަނީ ކްލަބް ކެރިއަރުގައި 100 ލަނޑު ހަމަކޮށްފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ވިލިއަން އާއި ވިކްޓަ މޮސަސް އެވެ.

އަމިއްލަ ދަނޑުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން އާސެނަލް މޮޅުވީ ފުރަތަމަ 22 މިނިޓް ތެރޭގައި ޖެހި ހަތަރު ގޯލާ އެކު 4-1 އިންނެވެ. އާސެނަލްގެ ލަނޑުތައް ޖެހީ ނަޗޯ މޮންރެއާލް، ލޯރެންޓް ކޮޝިއެލްނީ، އަލެކްސް އިވޯބީ އަދި އަލެކްސަންޑަ ލަކަޒޭޓް އެވެ. ކްރިސްޓަލް ޕެލަސްގެ ހަމައެކަނި ލަނޑު ޖެހީ ލޫކަ މިލިޔޯޖެވިޗް އެވެ.

އާސެނަލް އޮތީ 24 މެޗުން 42 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.