ތުއްތު ދަރިފުޅު ގޮވައިގެން ވެސް ކަސްރަތަށް
ތުއްތު ދަރިފުޅު ގޮވައިގެން ވެސް ކަސްރަތަށް

ގިނަ އަންހެނުން ވިހައިގެން ނުކުންނައިރު ހުންނަނީ މުޅި މީހާގެ ސިދަ ބަދަލުވެފައެވެ. އިހު ހުރި ވަރަށް އަނބުރާ ރުޖޫއަވެވޭތޯ ގަދައަޅައި ހިތްވަރު ކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު މައްސަލަ އަކީ ކަސްރަތަށް ދާއިރު ދަރިފުޅު ލޯމަތިން ގެއްލޭތީއެވެ.

ދަރިފުޅު ގޮވައިގެން ކަސްރަތު ކުރެވޭނެ ގޮތްގޮތް ވެސް އެބަހުއްޓެވެ. މިކަމަށްޓަކައި ޕިއާ ޕައުލޯ ވިސްކޮންޓީނީ އުފެއްދީ އެލިޕްޓިކަލް ސްޓްރޯލާ އެވެ. ދަރިފުޅު ބާއްވާ ގާޑިޔާ ނުވަތަ ސްޓްރޯލާއާ އެއްކޮށް ހުންނަ ގޮތަށް އުފައްދާފައިވާ ކުޑަކުޑަ ހިނގާ މެޝިނެކެވެ.

ކުޑަދަރިފުޅު ގޮވައިގެން ނުކުމެ، މީގެ ސްޓްރޯލާގައި ދަރިފުޅު ބާއްވަންވީއެވެ. އަދި އެލިޕްޓިކަލް ބައިކް ތިރިކޮށްލުމަށް ފަހު ދަރިފުޅު ގޮވައިގެން ކަސްރަތު ޕްރޮގްރާމެއް ހިންގަންވީއެވެ. ކަސްރަތު ކުރަން ކޮންމެހެން ބޭނުން ނެތިއްޔާ ކަސްރަތު ކުރާ ބައި، ސްޓްރޯލާ ދަށުގައި ރައްކާކުރެވެއެވެ.

މި އުފެއްދި ވިސްކޮންޓީނީ މިއަށް ކިޔާ އަގަކީ 1250 އެމެރިކާ ޑޮލަރެވެ. ޢާންމުކޮށް ބޭނުންކުރާ ގިނަ ސްޓްރޯލާތަކުގައި ވަކިން އަޅުވާލެވޭ އެލިޕްޓިކަލް މެކޭނިޒަމެއް ބާޒާރަށް ނެރުމަށް ވެސް ވިސްކޮންޓީނީ އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އަގަކީ 150 ޑޮލަރެވެ.