ފަސް ކޫރުން
ފަސް ކޫރުން

ބުދަ ދުވަހާ ގުޅޭ

"އެއްވަރުގެ މީހުންނާ ހަނާ ތި ރައްޓެހިވަނީ،" އާރިފު ބުންޏެވެ. "އަހަންނަށް އެނގޭ ޖަމީލަކީ ކޮން ކަހަލަ މީހެއްކަން. ކީއްކުރަންތަ އެ ކަހަލަ ވިޔާނުދާ މީހުންނާ ރައްޓެހިވަނީ؟ މިއެއްނު ހަނާ ރައްޓެހިވާންވީ މީހަކީ. ދެރައެއް ނުދޭނަމޭ. ސައުވީސް ގަޑިއިރު ހަމަހޭގަ އަހަރެން ހުންނާނީ. ގުޅާއިރަށް ފޯނު ނަގާނަން. އަހަރެންގެ ރުޅިގަދައެއް ނުވާނެ."

އާރިފުގެ ވާހަކަތަކުން އަހަންނަށް ސާބިތުވީ އަހަރެންގެ މާޒީ ވަރަށް ގާތުން އާރިފު ބަލައިފައި ވާކަމެވެ. އަހަރެންގެ ހަޔާތަށް އައީ ކޮން ކަހަލަ ބަޔެއްކަން އާރިފަށް އެނގޭ ކަމެވެ.

"އަހަރެން އަބަދުވެސް ބޭނުންވޭ ހަނާ ވަރަށް އުފަލުގަ އުޅެން،" އާރިފު އަޑުގައި ތަދު އެކުލެވިފައިވިއެވެ. "ތިހާ ލޯބި ކުއްޖަކަށް ލިބެން ޖެހޭނީ ވަރަށް ލޯބިވާ ފިރިއެއް. އެކަނިވެރި ނުކޮށް ގެންގުޅެވޭ، ބޭނުން ޖެހޭ ވަގުތު ގާތުގަ ހުރެވޭ، ތެދުވެރި މީހަކަށް ވާންޖެހޭނެ. އަހަރެން މީ އެ ކަހަލަ މީހެއް ނޫންތަ؟ ހިތް ބުނާ ގޮތް ހެދިއްޖެއްނު! އެއް ފަހަރު ވެސް ސިކުނޑިއަށް ޗާންސެއް ދީބަލަ!"

އާރިފުގެ ވާހަކައިގައި ލޯބީގެ މީރުވަސް އެކުލެވިފައި ވިއެވެ. އެކަމަކު، އެހެން މީހުން ވެސް ފޮނި ވާހަކަ ދެއްކިއެވެ. ތަރި ބޭލިއެވެ. އަހުދާއި ވަޢުދު ކުރިއެވެ. ނުކުރެވުނު ކަމަކީ އެ ގޮތުގައި ދެމިހުރުމެވެ. ހަޔާތުގެ ދިގު ދަތުރަށް ބޭނުންވާ އެހީތެރިކަން ނުދެވުމެވެ. އަހަންނަށް އެނގެއެވެ. ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއެވެ. އެކަކު ކުރާ ކުށުގެ އަދަބު އަނެކަކަށް ދީގެން ނުވާނެއެވެ. އާރިފަށް ޖަވާބެއް ދޭން އަހަރެން ފަސްޖެހުނެވެ. އެ ދަނޑިވަޅުގައި އެކުވެރިން ހިތްވަރުދިނެވެ.

"އޮފީހަށް ވަނީއްސުރެ އޭނަ އެ އުޅެނީ ހަނާޔާ އަޅައިގަނެގެން،" ލީނާ ބުންޏެވެ. "މިހާރު ހަތަރު އަހަރުވީ އެ ފަކީރު އެހެން އުޅޭތާ. ފޭކް މީހަކު އެހެނެއް ނޫޅޭނެ. އާރިފަކީ ނުލާހިކު މުއްސަނދި މީހެއް. އޭނަޔާ އިންނާނެ މީހުން ވާނެ ބައިވަރު. އެކަމަކު ހަނާ ލިބޭތޯ އޭނަ އެ ހުންނަނީ. އެއީ ކަންނޭނގެއެއްނު ހަނާގެ ސޯލްމޭޓަކީ. ސިއްރެއް ބުނަން؟ އާރިފު ބުނީ ހަނާ ލިބިއްޖެއްޔާ ޖެހިޖެހިގެން ހަތް ދުވަހު ރޯދަޔަށް ހުންނާނަމޯ."

އަހަރެން ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް އާރިފެއް ކަމަކުނުދެއެވެ. އެކަމަކު މީހުން ބުނެއެވެ. ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާ ދެކެ ލޯބިވާ މީހަކު މާ ރަނގަޅުވާނެއެވެ. ލީނާ ބުނިހެން އަހަރެންގެ ނަސީބުގައި ހުރި މީހަކީ އެއީކަމަށް ވެސް ވެދާނެއެވެ. އާރިފަށް ޖަވާބެއް ދޭން ވަގުތު ނެގިއެވެ. ވަށްބުރެއްގެ މަތީގައި "އާނ" ތިރީގައި "ނޫން" ޖަހައިގެން ހިތުގައި އެ ވަށްބުރު އަނބުރައިއަނބުރައި ވެސް އެތައް ދުވަހަކު އަހަރެން ހުރީމެވެ. ރައްޓެހިވާން އާރިފު ނާހާ ދުވަހެއް ނުދެއެވެ.

"ތި ވަރަށް މީހަކު ހާލުގަޖައްސާކަށް ނުވާނެއްނު،" ސަމާސާ ރާގެއްގައި އާރިފު ބުންޏެވެ. "ތިހެން އުޅެނިކޮށް އަހަރެން ގެއްލިދާނެ އިނގޭ. ދެން ނުލިބޭނެ މި ކަހަލަ މީހެއް. ފަހުން ނުރޯތި!"

"އާނ!" އަހަރެން ބުނީމެވެ. "ތި ކަން އެނގެޔޭ. އެހެންވެ މިއަދު މި އައީ ގޮތެއް ނިންމައިގެން. މާދަމައިން ފެށިގެން ހަތް ދުވަސް ވަންދެން އެބަ ޖެހޭ އާރިފު ރޯދަޔަށް ހުންނަން."

އުފާވެރި ޚަބަރެއް ލިބުމުން ހަޅޭއްލަވައިގަތުމަކީ އެންމެން ވެސް ކުރާ ކަމެކެވެ. އާރިފު ލޮލަށް ޖަމާވީ ކަރުނައެވެ. އަހަރެން ޖެހުނީ އޭނަ ހުއްޓުވަން އެތައް ވާހަކައެއް ދައްކާށެވެ. އަހަރެން ދެކެ މީހަކު އެހާ ލޯބި ވެދާނެ ކަމަކަށް ދުވަހަކު ވެސް ހިތަކަށްނާރައެވެ. އަހަރެންނަކީ އެހާ ޚާއްޞަ މީހެއް ނޫނެވެ. ފަތްމިންޏެއް ނޫނެވެ. މަހުޖަނެއް ވެސް ނޫނީމުއެވެ. އާރިފަށް ފެނިގެން އެ އުޅެނީ އަހަރެންގެ ކޮން ސިފައެއްބާއޭ ހިތަށްއެރިއެވެ.

"އަހަރެން ބޭނުން އެންމެން ގާތުގަ މި ވާހަކަ ބުނަން،" އާރިފު ބުންޏެވެ. "ހެޔޮތަ؟"

އަހަރެން އިންކާރެއް ނުކުރަމެވެ. އަހަރުމެންގެ ޑިޕާޓްމަންޓުގައި ދިހަ މީހުން ތިބެއެވެ. އެ ވަގުތު ތިބީ ފަސް މީހުންނެވެ.

"އެންމެން އަޑުއަހާބަލަ!" އެންމެންގެ މެދަށް ހުއްޓިފައި އާރިފު ބުންޏެވެ. "ހަނާއަކީ މިހާރު އަހަރެންގެ ބިޓު!"

އެންމެން ބަލައިލީ އަހަންނާ ދިމާއަށެވެ. އަހަރެން ބޯޖަހައިލީމެވެ. އަތްތިލަބަޑީގެ ހޫނު ތަރުޙީބަކުން އެންމެން މަރުޙަބާ ކިޔެވެ. އެއީ ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. އެހެން ކަހަލަ އިހުސާސެއް ހިތަށް ވެރިވި ވަގުތެކެވެ. ޚާއްޞަ ޝަރަފެއް އަހަންނަށް ލިބުނު ކަހަލައެވެ. ދުވަހަކު ވެސް ނުލިބޭ ކަހަލަ އިޙުތިރާމަކާއި ޤަދަރެއް ލިބުނު ކަހަލައެވެ. އަތްތިލަބަޑީގެ އަޑު ހުއްޓުނީ އަހަރެންގެ ލޮލުން ކަރުނަ ގެނުވައިފައެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އޮފީސް ނިންމައިފައި އެ މީހުންނަށް އާރިފު ކެއުމެއް ދިނެވެ. އާރިފު ހުރީ އުފަލުން ކުރާނެ ކަމެއް ނޭނގިފައެވެ. ހިތަށްއެރިއެވެ. ކެތްތެރިކަމުގެ ނަތީޖާ ހާދަހާ ފޮންޏެވެ.

އާރިފުގެ ލޯބިވެރިޔަކަށް އަހަރެން ވީތާ ސައުވީސް ގަޑިއިރު ހަމަވީ ޖެހިގެން އައި ދުވަހުއެވެ. އެ ވަގުތު އަހަރުމެން ތިބީ އޮފީހުގެ ކެންޓީނުގައެވެ. އަހަރެން ނުވެސް ދެނަހުއްޓައި ފެނުނީ އަހަރެންގެ އިނގިލީގައި އާރިފު އަނގޮޓިއެއް އެޅުވި ތަނެވެ. އަހަރެން އިނގިއްޔަށް ބަލައިލީމެވެ. އަނގޮޓި ތަންކޮޅެއް ބާރެވެ. އެ އަށް ވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން އަތުލީ އަނގޮޓީގައި ޖަހައިފައިވާ އެހެވެ. އެހުގެ ސައިޒު ވަނީ ސާގުފުކެއް ވަރެވެ. އެކަމަކު ދަޅަ ގަދަކަމުން ލޯ ތަރަތަރަ ޖަހައިގެންދިޔައެވެ.

"ޑައިމަންޑް؟" ހިތާހިތުން އަހަންނަށް ބުނެވުނެވެ.

"އަނގޮޓީގަ އޮންނަން ޖެހޭނީ އަނގޮޓި އަޅައިގެން ހުންނަ މީހާގެ ފެންވަރު ވަޒަން ކުރެވޭ ކަހަލަ އެހެއް،" އާރިފު ފަޚުރުވެރިކަމާ އެކުގައި ބުންޏެވެ. "އަހަރުމެންގެ ލޯތްބަށް ސައުވީސް ގަޑިއިރު ވީތީ މަރުޙަބާ!"

އަހަރެން އިނީ އަތް ތިރިކޮށްލަން ނޭނގިފައެވެ. އަސްލު އަލިމަހެއް ޖަހައިފައިވާ އަނގޮޓިއެއް ކުރިން އަހަރެން ނުދެކެމެވެ. އަހަރެންގެ އިނގީލިގައި އަޅަން ލިބޭނެކަމަކަށް ދުވަހަކު ވެސް ހިޔެއްނުކުރަމެވެ. އަހަރެންގެ ހިތުގެ ވިންދު ހުރީ އަވަސް ވެފައެވެ. ޝުކުރު އަދާކުރާކަށް ވެސް ނޭނގުނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ވާންވީ އުފާކަމެއް ނުވަތަ ރޯންވީކަމެއް ވެސް ނޭނގުނެވެ. ގެޔަށް ދެވުނުއިރު ވެސް އަހަރެން ހުރީ ހިމޭން ވެފައެވެ. އެކަކަށް ވެސް އަނގޮޓިއެއް ނުދައްކަމެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުގައި އިށީނދެލައިގެން އިނީއެވެ. އެތައް ފަހަރަކު އަނގޮޓިއަށް ބެލުނެވެ. އެ ވާހަކަ ދެއްކޭނެ ހަމައެކަނި މީހަކަށް ހުރީ ސަމީރާއެވެ. ގެއަށް ނުވަންނަން ބުނި ނަމަވެސް އަހަރުމެންގެ އެކުވެރިކަމަކަށް މާ ބޮޑު ބުރުލެއް ނާރައެވެ. ފޯނު ނަގައިފައި ސަމީރާއަށް ގުޅައިލީމެވެ. އެ ޚަބަރު ދިނީމެވެ.

"ކޮބާ ހީވޭ؟" ވަރަށް އުފާވެފައި ސަމީރާ ބުންޏެވެ. "ތިހާ ބޮޑު އުފަލެއް ލިބުނީމަ ވެސް ހަނާ ހިޔެއް ނުވޭ އުފާވިހެނެއް."

"ކިހިނެއް އުފާވާނީ؟" އަހަރެން ބުނީމެވެ.

އަނގޮޓީގެ ވާހަކަ ސަމީރާ ގާތުގައި އަހަރެން ބުނީ އުފަލެއް ހިއްސާކުރާކަށް ނޫނެވެ. އަހަންނަށް ލިބިފައިވަނީ ޝޮކެކެވެ. ނުތަނަވަސްކަމެކެވެ.

"އަހަންނަށް އެނގޭ އާރިފުގެ ސެލަރީ،" އަހަރެން ބުނީމެވެ. "ޑައިމަންޑް ރިންގް؟ ހަވް؟"

"މާނައަކީ؟" ސަމީރާ އެހިއެވެ.

"އޭނަ ގެންގުޅެނީ އެންމެ ފަހުން ނުކުންނަ އައިފޯނު،" އަހަރެން ކިޔައިދިނީމެވެ. "އޭނަ ލަނީ ސިކްސް ހަންރެޑަށް ދޭ ގަމީސް. މިހާރު އެބައުޅޭ ޕީސީއެކްސް ސައިކެއް ގަންނަން. އެއްފަހަރާ ފުލް ޕޭމަންޓް ދީފަ. ދެން މި ޑައިމަންޑް ރިންގް؟ ކިހިނެއް އޭނަ އެހާ ލާރި ހޯދަނީ؟ އޭނަގެ އެހެން ޖޮބެއް ނޯވޭ!"

"ދެން އެ ކަމާ ހަނާ ނުޖެހޭނެއްނު ވިސްނާކަށް،" ސަމީރާ ޗޮކެއް ކަނޑައިފައި ބުންޏެވެ. "އެއީ އޭނަގެ ޕާސަނަލް ކަންތަކެއްނު."

"އިންނަން މި އުޅެނީ އޭނަޔާ،" ނުތަނަވަސްކަމާ އެކުގައި އަހަރެން ބުނީމެވެ. "މަށަށް އެނގެންޖެހޭ އޭނަ އެހާ ލާރި ހޯދަނީ ކިހިނެއްކަން. އަދި އެނގޭތަ؟ އެއް ވާހަކަ ހަނދާން ނެތިފައޭ މިހިރީ. މިއަދު ބުންޏޭ މި އުޅެނީ ފްލެޓެއް ގަންނާށޭ. އެނގޭތަ އޭނަ ދެއްކި ފްލެޓްގެ އަގު. ހަތަރު މިލިޔަން ރުފިޔާ."

"މިހާރު މަ ވެސް ބިރުގަނެއްޖެ!" ސަމީރާއަށް ބުނެވުނެވެ. "ކިހިނެއް އެހާ ގިނަ ލާރި ހޯދަނީ؟"

ކުރު މަގަކީ އާރިފާ ސުވާލު ކުރުމެވެ. އަހަރެން އިޚުތިޔާރު ކުރީ ދިގު މަގެވެ. އެއީ އަމިއްލައަށް އެ ސިއްރު ހޯދުމެވެ. ވަޒީފާގެ ގޮތުން ބަލާއިރު އާރިފަކީ އާދައިގެ މުވައްޒަފެކެވެ. އެކަމަކު، އޭނަ ގެންގުޅޭ ފައިސާ މާ ގިނައެވެ. ކުރާ ޚަރަދުތައް ވެސް ވަރަށް ބޮޑެވެ. އެހެން މީހަކު ނަމަ އުފާކުރީހެވެ. އަހަންނާ ރައްޓެހިވި ފަހުން އާރިފް އެންމެ ގިނައިން ޚަދަރުކުރަނީ އަހަންނަށެވެ. އާރިފު ގެންގުޅޭ ފެންވަރުގެ ފޯނެއް އަހަންނަށް ގަނެދިނެވެ. އަހަރެން އެ ފޯނު ފޮރުވައިފައި ބޭއްވީއެވެ. ފޯނު ނުގެންގުޅޭތީ އާރިފު ސުވާލު ކުރެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފުއްދައިލަނީއެވެ. އެތައް ދުވަހެއް ވީއިރު ވެސް އާރިފު ފައިސާ ހޯދާ ގޮތެއް އަހަންނަކަށް ނޭނގުނެވެ. އެހެންކަމުން، ތަންކޮޅެއް ދުރުދުރުން އެ ވާހަކަ ދައްކައިލީމެވެ.

"ދެން ތިހާ މުއްސަނދިއިރު އާރިފު ކީއްވެ މި އޮފީހުގަ ތި އުޅެނީ؟" އަހަރެން ސުވާލުކުރީމެވެ.

"ލޯބި ހާދަހާ މޮޔައޭ!" އާރިފު ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "މި އޮފީހުގަ އުޅޭތީއޭ މިހެން މި އުޅެވެނީ. ދެން އެ ވާހަކަ ނުދައްކާ! މެރީކުރާނެ ޑޭޓެއް މިހާރު ވިސްނައިފިންތަ؟ ކޮން އިރަކުން ބައްޕަ ގާތުގަ އަހަންވީ؟ ވަރަށް ދުރާލާ އެބަޖެހޭ ތައްޔާރުވާން. ރިސޯޓެއްގަ ޕާޓީ ބާއްވާނީ. ބުކިންހަދަން ޖެހޭނެ."

އާރިފު ބުނާ ކޮންމެ ވާހަކައަކުން އަހަރެންގެ ހިތުގެ ވިންދަށް ބަދަލު އާދެއެވެ. ވަރަށް ގިނަ ވަގުތު އަހަރެން އާރިފާ އެއްކޮށް އުޅުމެވެ. ތަފާތު ކަމަކަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ބައެއް ފޯނުކޯލު އައުމުން އާރިފުގެ ޖަވާބުތައް ވަރަށް ކުރުވެއެވެ. ވަކި ހިސާބަކުން ދެން ބަދަލުވާނީ މެސެޖަށެވެ. ވާހަކައެއް ނުދައްކާނެއެވެ. އެއްދުވަހަކު އެ ގޮތަށް ފޯނުން ވާހަކަތަކެއް ދައްކައިފައި، މޭޒުމަތީގައި ފޯނު ބާއްވައިފައި އާރިފު ފާޚާނާއަށް ވަނެވެ. އާރިފުގެ ފޯނުގެ ފާސްބަސް އަހަންނަށް އެނގެއެވެ. ދަނޑިވަޅު ބަލައިފައި ފޯނު ހުޅުވައިލީމެވެ. މެސެޖަށް ފިއްތައިލީމެވެ. ފެނުނީ ވަރަށް ބިރުވެރި މަންޒަރެކެވެ.

ނުނިމޭ