15 އަހަރު ވަންދެން ސޮނީން ދެއްކި ފިލްމްފެއާ އެވޯޑް ކަލާޒް އަށް
15 އަހަރު ވަންދެން ސޮނީން ދެއްކި ފިލްމްފެއާ އެވޯޑް ކަލާޒް އަށް

ފަނަރަ އަހަރު ވަންދެން ސޮނީ ޓީވީން ދެއްކި ފިލްމްފެއާ އެވޯޑްސް މިއަހަރުން ފެށިގެން ކަލާޒް ޗެނަލުން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިލްމްފެއާ އެވޯޑްސް އިން ވަނީ އެ އެވޯޑުގެ އެކްސްކުލޫސިވް އޮފިޝަލް ބްރޯޑްކާސްޓަރަކަށް ކަލާޒް ޗެނަލް ޚިޔާރު ކޮށްފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި 63 ވަނަ ފިލްމްފެއާ އެވޯޑު ޝޯ ކަލާޒް އިން ވަރަށް އަވަހަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަން އިއުލާން ކުރީ އިންޑިއާގެ މުމްބައިގައި މިދިޔަ ހަފުތާގައި އޮތް ބައްދަލުވުމެއްގަ އެވެ. ފިލްމްފެއާ އެވޯޑު ނޫނަސް އިންޑިއާގައި ބާއްވާ ވަރަށް ގިނަ އެވޯޑު ހަފުލާތައް ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ކަލާޒް އަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އައިފާ އެވޯޑު، ގޯލްޑަން ޕެޓަލް އެވޯޑު، ސްޓާޑަސްޓް އެވޯޑު ހިމެނެ އެވެ.

މީގެ އިތުރުން އިންޑިއާގައި ބާއްވާ އެވޯޑު ހަފުލާތަކަކީ ޒީ ސިނެ އެވޯޑާއި ސްޓާ ސްކްރީން އެވޯޑެވެ. ޒީ ސިނެ އެވޯޑު ދައްކަނީ ޒީ ޓީވީންނެވެ. ސްޓާ ސްކްރީން އެވޯޑު ދައްކަނީ ސްޓާ ޕްލަސް އިންނެވެ.

ކަލާޒް ޗެނަލް ހިންގާ ވައަކަމް18 ގެ ސީއޯއޯ ރާޖް ނަޔަކް ބުނީ ބްލެކް ލޭޑީ (ފިލްމްފެއާ ޓްރޮފީ) ދެން ފެންނާނީ ކަލާޒް އިން ކަމަށެވެ. ކަލާޒް އަކީ މިހާރު އިންޑިއާގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޗެނަލްކަން ފާހަގަ ކުރަމުން މި ޗެނަލް އާއި ފިލްމްފެއާ އެވޯޑުގެ ގުޅުމުގައި ވަރަށް އުފާވެރި ކަންތައްތަކެއް ފެނިގެން ދާނެކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ އެވޯޑު ޝޯގެ ހޯސްޓަކީ ޝާހްރުކް ޚާނެވެ. ޝޯގައި ޕާފޯމްކުރާ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ރަންވީރު ސިންގް، ޕަރިނީތީ ޗޯޕްރާ، ސަނީ ލިއޯނީ އަދި އަޔޫޝްމާން ކުރާނާ ހިމެނެ އެވެ.

މިފަހަރުގެ އެވޯޑުގައި އެންމެ މޮޅު ފިލްމުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ "ބަރީލޭ ކީ ބަރްފީ"، "ބަދުރީނާތު ކީ ދުލްހަނިޔާ"، "ހިންދީ މީޑިއަމް"، "ސީކްރެޓް ސުޕަސްޓާ" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ.

އެންމެ މޮޅު ބަތަލުގެ ކެޓަގްރީން ވާދަކުރަނީ ރިތިކް ރޯޝަން (ގާބިލް)، އަކްޝޭ ކުމާރު (ޓޮއިލެޓް އޭކް ޕްރޭމް ކަތާ)، އަޔޫޝްމާން ކުރާނާ (ޝުބް މަންގަލް ސާވްދާން)، އިރްފާން ޚާން (ހިންދީ މީޑިއަމް)، ޝާހްރުކް ޚާން (ރައީސް) އަދި ވަރުން ދަވަން (ބަދުރީނާތު ކީ ދުލްހަނިޔާ) އެވެ.

އެންމެ މޮޅު ބަތަލާގެ ކެޓަގަރީން ވާދަކުރަނީ އާލިއާ ބަޓް (ބަދުރީނާތު ކީ ދުލްހަނިޔާ)، ބޫމީ ޕަޑްނޭކަރް (ޝުބް މަންގަލް ސާވްދާލް)، ސަބާ ގަަމަރް (ހިންދީ މީޑިއަމް)، ޝްރީދޭވީ (މޮމް)، ވިދްޔާ ބާލަން (ތުމްހާރީ ސޫލޫ) އަދި ޒާއިރާ ވަސީމް (ސީކްރެޓް ސުޕަސްޓާ) އެވެ.