21 ޖެނުއަރީ 2018 - 06:20

ކުރިން ހަދާފައިވާ އެނިމޭޓެޑް ފިލްމްތަކެއް ލައިވް އެކްޝަން ފިލްމްތަކެއްގެ ގޮތުގައި ގެނެސް ދޭން ވޯލްޓް ޑިޒްނީން ފަށާފައިވާ މަސައްކަތުގެ ތެރެއިން އަނެއްކާ ވެސް ލިސްޓަށް ފިލްމެއް އިތުރުވެއްޖެ އެވެ. މި ފަހަރު އަސްލު އެކްޓަރުންނާ އެކު ހަދަން ނިންމާފައި ވަނީ 1963 ގައި ރިލީޒް ކުރި އެނިމޭޓެޑް ފިލްމް "ދަ ސްވޯޑް އިން ދަ ސްޓޯމް" އެވެ.
މި ފިލްމްގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ 2007 ގައި ރިލީޒް ކުރި ޒޮމްބީ ތުރިލާ "28 ވީކްސް ލޭޓާ" ގެ ޑައިރެކްޓަރު ސްޕެއިންގެ ޖުއާން ކާލޯޒް އެވެ. "ދަ ސްވޯޑް އިން ދަ ސްޓޯން" ގެ ސްކްރީންރައިޓަކީ އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ސްކްރީންރައިޓަރު/ޕްރޮޑިއުސަރު ބްޔަރަން ކޮގްމަން އެވެ.
"ދަ ސްވޯޑް އިން ދަ ސްޓޯން" ޑައިރެކްޓަރާއި ސްކްރީންރައިޓަރުގެ ނަން އިއުލާން ކުރި ނަމަވެސް، ފިލްމްގެ ކާސްްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމްގެ މަސައްކަތް ފަށާނެ ތާރީހަކާއި ސިނަމާ އަށް ފިލްމް ގެންނާނެ ތާރީހެއް ވެސް ޑިޒްނީން އިއުލާނެއް ނުކުރެ އެވެ.
މިދިޔަ އަހަރު ރިލީޒްކޮށް، ބިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމަށް ފަހު، ޑިޒްނީން މިހާރު އަންނަނީ "އަލައްދިން"، "ޕިނޯކިއޯ"، "ދަ ލަޔަން ކިންގް" އަދި "ކްރިސްޓޯފާ ރޮބިން" ގެ ލައިވް އެކްޝަން ފިލްމްތަކެއްގެ މަސައްކަތް ކުރަމުންނެވެ.
"ދަ ސްވޯޑް އިން ދަ ސްޓޯން" އަކީ ޑިޒްނީގެ ބާނީ ވޯލްޓް ޑިޒްނީ 1963 ގައި މަރުވުމުގެ ކުރިން ޑިޒްނީން ގެނެސް ދިން އެންމެ ފަހު ފިލްމެވެ. ވުލްފްގަންފް ލެއިދަމަން ތިން މިލިއަން ޑޮލަރުގެ ބަޖެޓުން ޑައިރެކްޓް ކުރި ފިލްމަށް ބޮކްސް އޮފީހުގައި 22.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.