"މަންމަރްޒިޔާން"ގައި އަބީޝެކް އާއި ތާޕްސީ ޕަންނޫ
"މަންމަރްޒިޔާން"ގައި އަބީޝެކް އާއި ތާޕްސީ ޕަންނޫ

މަންމަރްޒިޔާން"ގެ ތަރިންނާ ބެހޭ ގޮތުން ތަފާތު އަޑުތައް މީގެ ކުރިން ވަނީ ފެތުރިފަ އެވެ. ފިލްމުގެ ތަރިންނަކީ އަޔޫޝްމާން ކުރާނާ އާއި ބޫމީ ޕަޑްނޭކަރް ކަމަށް ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް އަނޫރާގް ކަޝޭޕް ޑައިރެކްޓްކޮށް އާނަންދް އެލް ރާއީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ތަރިންނަކީ ވިކީ ކައުޝަލް އާއި އަބީޝެކް ބައްޗަން އަދި ތާޕްސީ ޕަންނޫ ކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.

ދެ ބަތަލުން އުޅޭ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ކުޅޭ ފިލްމެކެވެ. މި ފިލްމާ އަބީޝެކް ގުޅުނީ ވަރަށް ފަހުންނެވެ. އަބީޝެކް ކުޅެން ހަމަޖެހުނު ރޯލު ކުރިން ކުޅެން އޮތީ ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ދަލްގީރު ސަލްމާނެވެ.

ކުރިން މި ފިލްމު ޑައިރެކްޓްކުރާ ގޮތަށް އޮތީ ސަމީރް ޝަރުމާ އެވެ. ނަމަވެސް އަނުރާގް ޑައިރެކްޓްކުރަން ނިންމުމާއެކު އޭނާ ވަނީ ފިލްމުގެ ތަރިންނަށް ވެސް އާ އެކްޓަރުންތަކެއް ނަގައިފަ އެވެ.

ފެބްރުއަރީ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ލޯބީގެ ފިލްމަކަށް ވެފައި އަނުރާގް ކަޝޭޕް ކަހަލަ ތުރިލާ އުފައްދާ މީހަކާ މި ފިލްމު ހަވާލު ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފަ އެވެ.

ޑައިރެކްޓަރަށް އަނުރާގް ހޮވުން ދިފާއުކޮށް ޕްރޮޑިއުސަރު ބުނީ ކުރިން ލޯބީގެ ފިލްމުތައް އުފައްދާތައް ނެތަސް އަނުރާގް އަށް ވަރަށް ރީތި މޮޅު ލޯބީގެ ފިލްމެއް އުފެއްދިދާނެ ކަމުގެ ފުރިހަަމަ ޔަގީންކަން އޭނާގެ އެބައޮތް ކަމަށެވެ.