21 ޖެނުއަރީ 2018 - 15:30

ރާއްޖޭގައި ވެސް ބައެއް މަންޒަރުތައް ނެގި، 2016 ގައި ރިލީޒް ކުރި "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" އާއި "ހަންގާ ގޭމްސް" ފަދަ މަޝްހޫރު އަދި ކާމިޔާބު ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ އެލިސަން ޝޯމާ މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 54 އަހަރުގެ ޕްރޮޑިއުސަރު މަރުވީ ފުރަމޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށް ހުކުރު ދުވަހު އެވެ. އޭނާ މަރުވި އިރު، ފިރިމީހާ އަދި ކޮމްޕޯޒަރު އެޑް ޝޯމާ އާއި ދެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުގެ ގޮތުން އެލިސަން ވަނީ ޑިޒްނީ، ޔުނިވާސަލް، ޕެރަމައުންޓް އަދި ލަޔަންސްގޭޓް ފަދަ ބޮޑެތި ކުންފުނިތަކުގައި އެކްޒެކެޓިވެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ.
އޭނާ ޕްރޮޑިއުސްކޮށްފައިވާ ފިލްމްތަކުގެ ތެރެއިން ބެލުންތެރިންނާ ހަމައަށް އަންނަން ހުރި ފިލްމްތަކުގެ ތެރޭގައި "ސޯލޯ: އަ ސްޓާ ވޯސް ސްޓޯރީ"، "ދަ ވަން އެންޑް އޮންލީ އިވާން" އަދި "ކެއޯސް ވޯލްކިން" ހިމެނެ އެވެ.
ދެހާސް އެގާރަ އިން ފެށިގެން މިނިވަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށި އެލިސަން ޕްރޮޑިއުސްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި ޕްރައިޑް "އެންޑް ޕްރެޖްޑައިޒް އެންޑް ޒޮމްބީޒް، ސިންޑްރެއްލާ އަދި ނާވް ހިމެނެ އެވެ.