22 ޖެނުއަރީ 2018 - 06:03

އެމެރިކާގެ އިންޑިއާނާގެ ބޫންވީލްގައި ދިރިއުޅޭ ޔޫނީސް މޯލްޑީން ވަނީ ދެ ވަނަ ބޮޑު ހަނގުރާމަ ވެސް ތަޖުރިބާކޮށްފަ އެވެ. މިހާރު 102 އަހަރު ވެފައިވާ މޯލްޑީންގެ ދިގު އުމުރުގެ ސިއްރަކީ ޗޮކްލެޓް ކެއުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ދުވާލަކު މަދުވެގެން، ޑާކް ޗޮކްލެޓްގެ ދެ ޗޮކްލެޓް އޭނާ ކައެވެ. މިހާރު މުނި މުނިމާމަ ކިޔާފައިވާ މޯލްޑީން ބުނީކޮންމެ ދުވަހަކުވެސް ޗޮކްލެޓްގެ ފޮނިރަހަ ހަށިގަނޑަށް ލިބެމުންދިއުމަކީ އޭނާއަށް އުފަލުގައި ސިއްހަތު ރަނގަޅުކޮށް ހުރެވެން ދިމާވި ސަބަބު ކަމަށެވެ.
ނަމަވެސް މި މީހާއަށް ދިގު އުމުރެއްގައި ދުނިޔޭގައި ހުރެވުނީ ޗޮކްލެޓް ކައިގެން ކަމަކަށް އެންމެންނެއް ގަބޫލެއް ނުކުރެ އެވެ. ތަޖުރިބާކާރުން ބުނަނީ މި މީހާގެ އުމުރު ދިގުވުމުގައި އެހެން ބައެއް ކަންތައްތައް ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މޯލްޑީން އަކީ މަސްތުވާ އެއްޗެތި ބޭނުން ނުކުރާ އަދި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށް ވުން ހިމެނެ އެވެ.
ނިއުޓްރިޝަނިސްޓް ވެނީސާ ރިސެއްޓޯ ވިދާޅުވީ މި ކަމުގައި އަންހެންމީހާގެ ޖީންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެއާއެކު އޭނާ ކެއިންބުއިމުގެ އާދަތައް ގެންގުޅުނު ގޮތް ވެސް އޭނާގެ އުމުރު ދިގުވުމެއްގައި ދައުރެއް އަދާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗޮކްލެޓް ކެއުމުން ކެންސަރާއި ހަކުރުބަލި އަދި ހިތާއި ސިކުނޑިއާ ގުޅިފައިވާ ނިޒާމުގެ ބަލިތަކުގެ ނުރައްކާ ކުޑަވާކަމަށް ޚުދް ރިސޮއްޓޯ ވެސް ފާހަގަ ކުރެއްވި އެވެ. ޗޮކްލެޓަކީ އެންޓިއޮކްސިޑަންޓްސް ލިބޭ ވަސީލަތެއް ކަމަށާއި ނަމަވެސް ޗޮކްލެޓް ކާ މީހުން އެ ކެވެނީ ކޮން ވައްތަރެއްގެ ޗޮކްލެޓެއްތޯ ބަލަން ޖެހޭނެކަމަށް އޭނާ އިންޒާރު ކުރެއްވި އެވެ.
"ޑާކް ޗޮކްލެޓްގައި މިލްކް ޗޮކްލެޓާއި ވައިޓް ޗޮކްލެޓަށް ވުރެ ފްލެވޮނޮއިޑްސް ގިނަވާނެ. އެހެންވީމަ ޗޮކްލެޓް ކެޔަސް ކާން ޖެހޭނީ ވަރަށް މަދުން. އޭރުން ސިއްހަތަށް ފައިދާ ކުރާނީ،" އޭނާ ވިދާޅުވި އެވެ.