20 ޖެނުއަރީ 2018 - 15:07

ވިލާގެ ރިސޯޓްތަކަށް ކަސްޓަމްސްގެ ތަހުގީގު ޓީމު އަރައި ފާސްކުރުން ކުރިއަށް މިގެންދަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން ދާ ކަމަށް ބުނެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ވަނީ ހުއްޓާލާފައި. ސަބަބެއް ކަމަށް ކަސްޓަމްސްއިން ބުނަނީ، ރަލާއި އޫރުމަސް ދޫކުރުމުގެ އިތުރުން ވެސް އެ ރިސޯޓުތަކަށް އެހެނިހެން ޚިދުމަތްތައް ދިނުން އެ އިދާރާއިން ހުއްޓާލީ، މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަމަށް.

ކަސްޓަމްސްއިން ބުނެފައިވަނީ ރަލާއި އޫރުމަސް ދޫކުރަމުން ގެންދަނީ ވަކި ތަނަކަށް ގެންދިއުމަށް އިގުރާރު ވުމަށް ފަހު ކަމަށް ވާއިރު އެ ތަކެތި އެހެން ތަންތަނަށް ގެންގޮސް ވިއްކައި، ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށް. އަދި ވިލާގެ އެ ހަތަރު ރިސޯޓުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ބަނގުރާ ގެންގޮސް ބޭނުން ކުރަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ވޭ.

އެކަމަކު ވިލާ ކުންފުނިން ބުނަނީ އެހެން ރިސޯޓަކަށް އެތެރެކުރާ ރަލާއި އޫރުމަސް އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް ނުދެކޭ ކަމަށް. އަދި ރޯޔަލްއަށް ގެންދާ ރަލާއި އޫރުމަސް ވިލާގެ އެހެން ރިސޯޓުތަކަށް ގެންދަނީ، އުސޫލުތަކެއްގެ ތެރެއިން އެ މައުލޫމާތުތައް އެންޓާ ކުރުމަށް ފަހު ކަމަށް ވެސް ވިލާއިން ވަނީ ބުނެފައި. އަދި އެ ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ ކަމަށް ވިލާއިން ބުނެފައިވޭ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ވިދާޅުވީ، މިރޭ އިތުރު ރިސޯޓަކަށް ކަސްޓަމްސްގެ ތަހުގީގު ޓީމު އަރާނެ ކަމުގެ މައުލޫމާތެއް އަދި ނެތް ކަމަށް.

"ފަހަރަކު ރިސޯޓަކަށް އެބޭފުޅުން އަރަމުންދާނެ ކަމުގެ މައުލޫމާތެއް އުޅެނީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ކްރިމިނަލް ކޯޓުގެ އަމުރަކާއެކު ކަސްޓަމްސްގެ އޮފިސަރުން ވަނީ ވިލާގެ ރިސޯޓުތަކަށް އަރައި ބަލައި ފާސްކޮށްފައި. އެ ރޭ ރާފުޅިތައް ނުގެންގޮސް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން އެ ރިސޯޓުތަކުން ފައިބައިގެން ދިޔަ ނަމަވެސް، އެކަން ކުރަން މަސައްކަތް ކުރި. ނަމަވެސް ފަހު ވަގުތު ރިސޯޓުތަކުން ފައިބައިގެން ދިއުމަށް ފަހު، މިއަދު މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް، ފުލުހުންގެ އެހީތެރިކަމާއެކު ކަސްޓަމްސްގެ އޮފިސަރުން ފަން އައިލެންޑް ރިސޯޓަށް އެރީ އާ އަމުރަކާއެކު. ފަސް ދުވަހުގެ މުއްދަތަށް ދީފައިވާ އެ އަމުރުގައިވާ ގޮތުން، ބަލައި ފާސްކުރާ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑާއި ދުވާލު ހިމެނޭ ގޮތަށް 18 ގަޑިއިރު ހިމެނޭ ގޮތަށް ފަން އައިލެންޑް ރިސޯޓު ފާސްކުރެވޭނެ.

އެކަމަކު ކުރީ އަމުރެކޭ އެއްގޮތަށް މި އަމުރުގައި ވެސް ކަސްޓަމްސްގެ އޮފިސަރުންނަށް ދީފައި އޮތީ ބަލައި ފާސްކުރުމުގެ ބާރު އެކަނި. ވިލާގެ ގާނޫނީ ވަކީލުން ބުނާގޮތުގައި އެއްވެސް މުދަލެއް ގެންދިއުމުގެ ބާރު، ގާޒީ އަލީ އާދަމް ސޮއިކުރައްވާފައިވާ ކޯޓު އަމުރުން ދީފައި ނެތީސް، އެއާ ޚިލާފަށް ބަނގުރާފުޅިތައް ވެސް ފަން އައިލެންޑުން ގެންދެވިގެން ނުވާނެ.

ފަން އައިލެންޑުގެ މެނޭޖަރު ބުނީ ކަސްޓަމްސްއިން ގެންދިޔަ ރާފުޅިތަކުގެ އަދަދެއް އަދި ސާފުނުވާ ކަމަށް. މެނޭޖަރު އިސްމާއިލް ވިދާޅުވި ގޮތުގައި އަދަދު ސާފުވާނީ ކަސްޓަމްސްގެ ފަރާތުން ލިސްޓް ލިބުމުން.

ފަން އައިލެންޑުގެ ގުދަނުން ގިނަ އަދަދެއްގެ ރާފުޅިތަކެއް ގެންގޮސް ކަސްޓަމްސްގެ އޮފިސަރުން ދޯންޏަށް އަރުވައިފި. އެނގިފައިވާ ގޮތުގައި ހަތަރު ޓްރޯލީއެއްގައި އެކި ފަހަރު މަތިން ރާ ކޭސްތައް ބަރުކޮށްގެން ގެންގޮސް ދޯންޏަށް އެރުވި.
ފަން އައިލެންޑުގެ މެނޭޖަރު އިސްމާއިލް ވިދާޅުވީ ކަސްޓަމްސްގެ އޮފިސަރުން އެ ރިސޯޓުން ގެންދިޔައީ އެތަނުގެ ސްޓޮކްގައި ހުރި، ހުރިހާ ރަލެއް ނޫން ކަަމަށް. އެގޮތުން ގެންދިޔައީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ފަން އައިލެންޑަށް ގެންގޮސްފައި ހުރި ރާފުޅިތައް ކަމަށް ކަސްޓަމްސްގެ އޮފިސަރުންނާ ހަވާލާދީ އިސްމާއިލް ވިދާޅުވި.
"އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން ދެންނެވި ސުވާލުތަކަށް ވެސް ކަސްޓަމްސްގެ ބޭފުޅުން ޖަވާބެއް ނުދެއްވި. އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް އަމުރުގެ ދަށުން ވެސް ރާފުޅިއެއް ނުގެންދެވޭނެ،" އިސްމާއިލް ވިދާޅުވި.
ފަން އައިލެންޑުގެ މެނޭޖަރު އިސްމާއިލް ވިދާޅުވީ، ކަސްޓަމްސްގެ އޮފިސަރުން މިހާރު ވަނީ އެއް ޓްރޯލީގައި ގިނަ އަދަދެއްގެ ރާ ކޭސްތަކެއް ދޯންޏަށް ބަރުކޮށްފައި ކަމަށް. އަދި ދޯންޏަށް ގެންދިއުމަށްޓަކައި އިތުރު ޓްރޯލީއަކަށް ރާ ފުޅިތައް ބަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި.
ކަސްޓަމްސް އޮފިސަރުން މި އޮޕަރޭޝަން ހިންގާއިރު ވެސް ފަން އައިލެންޑުގެ މުވައްޒަފުން އަންނަނީ ހުއްޓުމެއް ނެތި އިހުތިޖާޖު ކުރަމުން ކަމަށް މެނޭޖަރު ވިދާޅުވޭ.
ކަސްޓަމްސްގެ މުވައްޒަފުން އައިސް ތިބީ ޓްރޯލީ އާއި ފުޅިތައް އަޅާނެ ފުޅިމަދު ފޮށި ވެސް ހިފައިގެން. އަޅުގަނޑުމެން އެމީހުންނަށް އެއްބާރުލުމެއް ނުދެން. ސަބަބަކީ ފަހުން ގެނައި އަމުރުގައި ވެސް މިތަނުގެ މުދަލެއް ގެންދެވޭނެ ވާހަކަ ނެތުމުން،" އިސްމާއިލް ވިދާޅުވި.
ކަސްޓަމްސް އޮފިސަރުން މިހާރު ގެންދަނީ ފަން އައިލެންޑްގައި ހުރި ރާފުޅިތައް ފުޅިމަދު ފޮށިތަކުގައި ބަންދުކޮށްގެން ގެންދިއުމަށް ތައްޔާރުވަމުން.
ފަން އައިލެންޑުގައި 155 މުވައްޒަފުން މަސައްކަތް ކުރާއިރު، އެ މުވައްޒަފުން ވެސް މިހާރު ގެންދަނީ ސަރުކާރުގެ އަމަލާ ދެކޮޅަށް އަޑު އުފުލަމުން.
ފަން އައިލެންޑުގެ މެނޭޖަރު އިސްމާއިލް ނަސީރު ވިދާޅުވީ، އެ ރިސޯޓުގެ ގުދަނުގައި ހުރި ބަނގުރާފުޅިތައް ގެންދަން ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން މިހާރު ވަނީ ތައްޔާރުވެފައި ކަމަށް.
"އެތަކެތި ގެންދެވޭނެ ވާހަކަ ކޯޓު އަމުރުގައި ނެތް ކަމަށް އަޅުގަނޑުމެން ދެންނެވުމުން، އެ ބޭފުޅުން ވިދާޅުވަނީ އެވިޑެންސް ހޯދުމަށްޓަކައި އެ ގެންދެވޭނެ ކަމަށް. އެ ފުރުސަތު އޮތް ކަަަށް. އަދި ގެންދާ ތަކެތީގެ ލިސްޓެއް އަޅުގަނޑުމެންނަށް ދޭނެ ކަމަށް ބުނޭ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ކޯޓު އަމުރަކުން އެއްވެސް މުދަލެއް ނުގެންދެވޭނެ،" އިސްމާއިލް ވިދާޅުވި.
ފަން އައިލެންޑަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން އަރައި ރާ ގުދަން ފާސްކުރަމުންދާއިރު، އެ ރިސޯޓުގައި ފުލް އޮކިއުޕެންސީގައި ޓޫރިސްޓުން އެބަތިބި ކަމަށް މެނޭޖަރު ވިދާޅުވި. އަދި ސަރުކާރުގެ މި އަމަލުން ޓޫރިސްޓުންނަށް ވެސް އަސަރުކޮށް، ވާނުވާ ނޭނގި އެ މީހުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް އިސްމާއިލް ވިދާޅުވި.
ގައިސަރު ވިދާޅުވީ ފަން އައިލެންޑަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން އެރި ނަމަވެސް ރިސޯޓުގެ ބޭރުގައި އޮތް ލޯންޗެއްގައި އެސްއޯ ފުލުހުން ތިބި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް ވިދާޅުވީ ފަން އައިލެންޑަށް ދިޔަ ކަސްޓަމްސްގެ އޮފިސަރުން، އެ ރިސޯޓުގައި ބަނގުރާ ބަހައްޓާފައި ހުންނަ ގުދަނުގެ ތެރޭގައި ހަރަކާތްތެރިވާ ކަމަށް. އަދި އެތަކެތި ގެންދިއުމަށް ކަސްޓަމްސް އިން މަސައްކަތް ކުރި ނަމަވެސް ކޯޓު އަމުރުގައި އެ ވާހަކަ ނެތްކަން ފަން އައިލެންޑުގެ މެނޭޖްމަންޓުން ފާހަގަކުރަމުން އަންނަ ކަމަށް ގައިސަރު ވިދާޅުވި. "ހީވަނީ ގަދަބާރުން ނަމަވެސް މިރޭ ފަން އައިލެންޑުން ތަކެތި ގެންދާނެހެން. އަޅުގަނޑުމެން ބުނަމުން މިދަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް އެކަމެއް ވެސް ނުކުރެވޭނެއޭ. ކޯޓު އަމުރުގައި އޮތީ ބަލައި ފާސްކުރާ ވާހަކަ އެކަންޏޭ،" އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ކަސްޓަމްސްގެ ތަހުގީގު ޓީމުތައް އަނެއްކާވެސް އަރަން ފަށައިފި އެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސްގެ ޓީމަކުން ދާދި ދެންމެއަކު ފަން އައިލެންޑަށް އަރާފައިވާ ކަމަށެވެ. އެ މީހުން އެ ރިސޯޓަށް އެރީ ބަލައި ފާސްކުރުމުގެ އާ އަމުރަކާ އެކުގައި ކަން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ އިމުގެ ތެރެއިން ދެވެން ހުރި އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން،" ގައިސަރު ވިދާޅުވި އެވެ.
ކަސްޓަމްސްގެ ތަހުގީގު ޓީމުން އަންނަނީ ފަން އައިލެންޑު ރިސޯޓު ފާސްކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، ފަން އައިލެންޑުގެ އިތުރުން ޕެރަޑައިސް އާއި ސަން އައިލެންޑާއި ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑަށް ވެސް ތަހުގީގު ޓީމުތައް ދަނީ ދަތުރުކުރަމުންނެވެ.
ފުލުހުންނާއި ކަސްޓަމްސް އިން ރިސޯޓުތަކަށް އަރާ ފާސް ކުރީ، ރޯޔަލް އަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އެކަމަކު ވިލާގެ ވަކީލުން ތަކުރާރުކޮށް ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ.
ކުރިން ނެރުނު އަމުރުގެ މުއްދަތު ހަމަވެފައިވާތީ، ފަން އައިލެންޑު ފާސްކުރަން ހުއްދަ ދީ، ގާޒީ އަލީ އާދަމް އިއްޔެ ނެރެދެއްވި އަމުރުގައި ބުނެފައި ވަނީ، އެ އަމުރުގެ ހިނގާނީ ފަސް ދުވަހަށް ޖުމްލަ 18 ގަޑިއިރަށް ކަމަށެވެ. އެ އަމުރުގައި ވެސް ހުއްދަ ދީފައި ވަނީ، ކުރިން ނެރުނު އަމުރެކޭ އެއްގޮތަށް މައްސަލައާ ގުޅޭ ލިޔެކިޔުންތަކާއި ތަންތަން ބަލައި ފާސްކުރުމަށެވެ. އެ ރިސޯޓުގައި ހުރި އެއްވެސް މުދަލެއް ގެންދިއުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.
ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ކަސްޓަމުން ބުނި ގޮތުގައި ހިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ އެވެ. އެ ހަތަރު ރިސޯޓަކީ ސަން އައިލެންޑް ރިސޯޓު، ޕެރެޑައިސް އައިލެންޑް ރިސޯޓު، ފަން އައިލެންޑާއި ހޮލިޑޭ އައިލޭންޑް ރިސޯޓެވެ.