އަންހެނަކު މަރުވިތާ 10 ދުވަސް ފަހުން ވިހައިފި
އަންހެނަކު މަރުވިތާ 10 ދުވަސް ފަހުން ވިހައިފި

ބަލިވެ އިނދެ ނުވަ މަހަށް އޮއްވާ މަރުވި އަންހެނަކު މަރުވިތާ 10 ދުވަސް ފަހުން ވިހައިފި އެވެ. އެމީހާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި ބާއްވާފައި އޮތް ފިއުނަރަލް ޕާލާގެ މުވައްޒަފުންނަށް ކުއްލިއަކަށް ފެނުނީ 33 އަހަރުގެ މި އަންހެންމީހާ ބާއްވާފައި އޮތް ސަންދޯއް ތެރޭގައި، މަރުވެފައި އޮތް ކުޑަ ކުއްޖެއް އޮއްވަ އެވެ.

ކުއްޖާ އޭނާގެ މަންމަގެ ކައިރީގައި އޮއްވާ ފެނުނީ އަންހެންމީހާ ވަޅުލަން ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހު އެވެ. ނޮމްވެލިސޯ ނޮމަސޮންޓޯ މުޑޯވީ ނަމަކަށް ކިޔާ މި އަންހެންމީހާ އަކީ ސައުތު އެފްރިކާގެ އަވަށަކަށް ނިސްބަތްވާ މީހެކެވެ.

މި ފިއުނަރަލް ޕާލާގެ ވެރިޔާ ޓައިމްސް ނައު އަށް ބުނެފައިވާ ގޮތުގައި އެ މަންޒަރުފެނިފައި އެމީހުން ބިރުން ލިބުނު ޝޮކުން ކުއްޖާއަކީ ކޮން ޖިންސެއްގެ ކުއްޖެއްތޯ ވެސް ނުބެލުނެވެ.

މީހުން ވަޅުލުމުގެ މަސައްކަތުގައި އޭނާ ހޭދަކުރި 20 އަހަރު ތެރޭގައި މަރުވެފައި އޮތް އަންހެނަކު ވިހޭ ތަނެއް އޭނާ ދުވަހަކުވެސް ދެކެފައެއް ނެތެވެ.

ވިހޭއިރުވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް ވާތީ އެ ކުއްޖާ ވަޅުލީ މަންމައާ އެއް ސަންދޯކެއްގަ އެވެ.

މަރުވި އަންހެންމީހާގެ ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ އާއިލާއިން ބުނީ އަންހެންމީހާ މަރުވުމުން ލިބުނު ހިތާމައިގެ އިތުރުން ދެން ދިމާވި ކަންތަކުން އިތުރަށް ހިތާމަ ލިބިއްޖެ ކަމަށެވެ.

މަރުވި އަންހެންމީހާގެ މަންމަ ބުނީ އޭނާގެ ދަރިފުޅު މަރުވީ ކުއްލިއަކަށް ނޭވާލާން އުނދަގޫވެފައި ކަމަށެވެ.

"އަހަރެން މިހިރީ ދަރިފުޅު މަރުވީމަ ހިތްހަލާކުވެފައި. އެހެން ހުއްޓާ އަނެއްކާ 10 ދުވަސްފަހުން ދަރިފުޅު އެހެން އޮވެ ވިހޭ ވާހަކަ ބުނީމަ އިތުރަށް ދެރަވެއްޖެ،" ނޮމްވެލިސޯގެ މަންމަ ބުންޏެވެ.

ތަޖުރިބާކާރުން ބުނަނީ މަރުވުމަށްފަހު މަސްތައް ރިލެކްސް ވުމުން ނުވަތަ ހަށިގަނޑު ތެރޭގައި ޖަރާސީމު އުފެދުމުގެ ސަބަބުން، ބަނޑުތެރޭގައި އޮންނަ ކުއްޖާ ވެއްޓެން ދިމާވެދާނެ ކަމަށެވެ.