12 ޖުލައި 2016 - 16:12

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީ "ހައިޖެކްކޮށްފައިވާ" ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ދެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.

މައުމޫންގެ ހުއްދަ ނެތި ޕާޓީގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ނިންމެވި މައްސަލަ ކޯޓަށް ހުށަހެޅީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
މި ދެ ބޭފުޅުންގެ އިތުރުން ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އަސްއަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މި މައްސަލާގައި އޭނާއާ މެދު ފިޔަވަޅު އަޅަން އެދިފައި ނުވިއަސް ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވި މައްސަލައެއް މިހާރު ވެސް އޮތީ ސުލޫކީ ކޮމެޓީގަ އެވެ.
ޕީޕީއެމުން ބުނީ ސިޔާމާއި ޝާހިދާ މެދު ފިޔަވަޅު އަޅައިދޭން އެދި މައްސަލަ ޕާޓީގެ އޮފީހަށް ހުށަހެޅީ ޕާޓީގެ އާއްމު ދެ މެންބަރަކު ކަމަށެވެ. ގަވާއިދުގައިވާ ގޮތަށް މައްސަލަ މިހާރު ސުލޫކީ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ދެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން އެދިފައި ވަނީ، ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބަވައި ޕާޓީގެ ރައީސާ ދެކޮޅަށް ނިކުންނެވުމާއި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރެއްވުމެވެ.
މެމްބަރު އަހްމަދު އައްސަދު ވިދާޅުވެފައިވާ ގޮތުގައި ކޯޓަށް މައްސަލަ ހުށަހެޅީ، މައުމޫނަށް ޕާޓީ ހުއްޓުވާފައި ނުބޭއްވޭނެ ކަމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ. ޕީޕީއެމަކީ ވެރިކަންކުރާ ޕާޓީ އަށް ވެފައި ޕާޓީ ހުއްޓުވުމަކީ ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް ވެސް އައްސަދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ޕާޓީގެ ހިންގުން ހަރުދަނާކުރަން އިސްލާހީ އެޖެންޑާއެއް މައުމޫން އެކުލަވާލައްވާފައިވާއިރު ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެމަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕާޓީގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމާ މެދު ވާހަކަ ދައްކަން ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން ޔާމީން ފެކްޝަނުން ވަނީ އެދިފަ އެވެ. އެކަމަކު ކައުންސިލް ބައްދަލުވުން ބާއްވާނެ ވަކި ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ.