20 ޖެނުއަރީ 2018 - 11:45

ވޮޝިންޓަން (ޖެނުއަރީ 20) - އާ ބަޖެޓް ފާސްކުރަން ސެނެޓުގައި ނެގި ވޯޓު ފޭލްވުމާ އެކު އެމެރިކާ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެ އެވެ.
އަންނަ މަހު 16 އާ ހަމައަށް ގައުމު ހިންގާނެ ފައިސާ ޚަރަދު ކުރުމުގެ ބިލް ފާސްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސެނެޓުގައި ބޭނުންވާ 60 ވޯޓު ލިބިފައެއް ނުވެ އެވެ. މިއީ ކޮންގްރެސް އާއި ވައިޓްހައުސްގެ ކޮންޓްރޯލް އެއްޕާޓީއަކަށް، ރިޕަބްލިކަން އަށް، ލިބި، ސަރުކާރު ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ. އެމެރިކާ ސަރުކާރު އެންމެ ފަހުން ހުއްޓުމަކަށް އައިސްފައި ވަނީ 2013 ވަނަ އަހަރު އެވެ.
ވައިޓް ހައުސް އިން ތުހުމަތުކުރި ގޮތުގައި "ގާނޫނު ހުއްދާ ނުކުރާ ބަޔަކު" ރަހީނުކޮށްގެން ސަރުކާރުގެ ހިންގުން ހުއްޓުވާލީ ޑިމޮކްރެޓިކުންނެވެ.
"ގައުމީ ސަލާމަތަށް ވުރެ، އަސްކަރިއްޔާގެ އާއިލާތަކަށް ވުރެ، ގައުމުގެ ކުޑަކުދިންނަށް ވުރެ ޑިމޮކްރެޓކުން މި ވަނީ ސިޔާސީ ކަންކަން އިސްކޮށްފައި،" ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ސެންޑާސް ވިދާޅުވި އެވެ.
އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިސްފައި މި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް އެއް އަހަރުވީ ދުވަހު އެވެ.
ބަޖެޓް ފާސްކުރުމާ މެދު ދެ ޕާޓީގެ މެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައި ވަނީ އެމެރިކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރަޖިސްޓްރީ ނުކޮށްތިބި މީހުންގެ މައްސަލައިގަ އެވެ. "ގާނޫނު ހުއްދަ ނުކުރާ މީހުން" ކަމަށް ވައިޓް ހައުސް އިން އިޝާރާތްކޮށްފައި ވަނީ އެ މީހުންނަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މިހާރު ވަނީ ރަޖިސްޓްރީ ނުކޮށް އެމެރިކާގައި ދިރިއުޅޭ ހަތް ލައްކައެއްހާ މީހުން އަނބުރާ ފޮނުވާލަން ނިންމައިފަ އެވެ. އެކަމަކު ޑިމޮކްރެޓިކުން ބޭނުން ވަނީ އެ މީހުން ހިމާޔަތް ކުރަން ބަޖެޓުގައި ފައިސާ ހިމެނުމަށެވެ.
ބަޖެޓް ފާސްކުރަން ބުރާސްފަތި ދުވަހުގެ ރޭ ހައުސް އޮފް ރެޕްރެޒެންޓިވްސްގައި ނެގި ވޯޓު ވަނީ 230-197 އިން ސަރުކާރަށް ކާމިޔާބުވެފަ އެވެ. ނަމަވެސް ސެނެޓުގެ ވޯޓު ދިޔައީ 50-49 އިންނެވެ. ރިޕަބްލިކަން ޕާޓީގެ ފަސް މެންބަރަކު ވަނީ ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ފަސް މެންބަރަކު ވެސް ވަނީ ޕާޓީ ލައިނާ ޚިލާފުވެފަ އެވެ.
އެމެރިކާ ސަރުކާރު އެންމެ ފަހުން ހުއްޓުމަކަށް އައި ފަހަރު 16 ދުވަަހަށް ދެމިގެން ދިޔަ އެވެ. އެ މުއްދަތުގައި ފެޑެރަލް ގިނަ މުވައްޒަފުން ވަނީ ޗުއްޓީ ނަގަން މަޖްބޫރުކޮށްފަ އެވެ.
އެމެރިކާ ސަރުކާރުގެ އެޖެންސީތަކަށް ބޭނުންވާ ފަންޑް ކޮންގްރެސް އިން ފާސްކޮށް ނުދީފި ނަމަ އެ ތަންތަން ބަންދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އޭގެ ތެރޭގައި ނޭޝަނަލް ޕާކްތަކާއި މޮނިއުމެންޓްތައް ވެސް ހިމެނެ އެވެ. ނަމަވެސް އަސާސީ ޚިދުމަތްތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި ގައުމީ ސަލާމަތީ ގުޅޭ ކަންކަމާއި ޕޯސްޓުގެ ޚިދުމަތާއި އެއާ ޓްރެފިކް ކޮންޓްރޯލާއި އިމްޕޭޝަންޓް މެޑިކަލް ޚިދުމަތާއި އިމަޖެންސީ އައުޓްޕޭޝަންޓް މެޑިސިން، ޑިޒާސްޓާ އެހީ، ޖަލުތައް، ޓެކްސް އަދި އިލެކްޓްރިސިޓީގެ ޚިދުމަތް ހިމެނެ އެވެ. ވިސާ އާއި ޕާސްޕޯޓުގެ ޚިދުމަތަށް ވެސް މަޑުޖެހުން އަންނާނެ އެވެ.
ވޯޓުގެ ކުރިން ރައީސް ޓްރަމްޕް ވަނީ ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗުކް ޝުމާ ވައިޓް ހައުސް އަށް ގެންނަވާ ހައްލެއް ހޯދޭތޯ މަސައްކަތް ކުރައްވައިފަ އެވެ. ގަޑިއެއްހާ އިރުގެ ބައްދަލުވުމަށް ފަހު ޝުމާ ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ބައެއް ކަންކަމާ އެއްބަސްވެވުނު ނަމަވެސް ގިނައީ އެއްބަސް ނުވެވޭ ކަންކަން ކަމަށެވެ.