20 ޖެނުއަރީ 2018 - 11:20

ލަންޑަން (ޖެނުއަރީ 20) – ތަޖުރިބާކާރު ފޯވާޑް ޕީޓާ ކްރައުޗް ހޯދުމަށް ޗެލްސީން ސްޓޯކް ސިޓީއަށް ގުޅާފައިވާ ކަމަށާއި އެކަމަކު އެއްބަސްވުމަކާ ގާތަށް ދެވިފައިނުވާ ކަމަށް ބީބީސީން ބުނެފި އެވެ.
ޗެލްސީ އަށް ލަނޑު ޖެހުމުގައި މައްސަލަތަކެއް ދިމާވެފައިވާއިރު އެ ޓީމުން ޖެނުއަރީ ޓްރާންސްފާގައި ފޯވާޑެއް ބޭނުންވެ އެވެ. ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭއިރު ކުޅުމުގެ ފުރުސަތު ހޯދުމަށް ބެލްޖިއަމް ފޯވާޑް މިޗީ ބަޓްޝުއާއީ ހުރީ ކްލަބް ދޫކޮށްލަން ބޭނުންވެފަ އެވެ.
ޗެލްސީން ކުރިން މަސައްކަތްކުރީ ވެސްޓް ހޭމުގެ އެންޑީ ކެރޯލް ގެންނާށެވެ. އެކަމަކު އޭނާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން މަހެއްހާ ދުވަހަށް ނުވަތަ އެޔަށް ވުރެ ވެސް ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެތީވެ އެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.
އުމުރުން 36 އަހަރުގެ ކްރައުޗް އަކީ ޕްރިމިއާ ލީގުގެ ތަޖުރިބާ ވަރަށް ބޮޑު ފޯވާޑެކެވެ. ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ފޯވާޑް ވަނީ އިނގިރޭސި ގައުމީ ޓީމަށް ވެސް 42 މެޗުން 22 ގޯލް ޖަހައިދީފަ އެވެ. އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ކްރައުޗް ގެ ބޭނުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޗެލްސީ އަށް ހިފޭނެ އެވެ.
ޗެލްސީން ފާރަލާ ކަމަށް ރިޕޯޓްތައް ބުނާ އެހެން ފޯވާޑުންގެ ތެރޭގައި ރޯމާގެ ބޮސްނިއާ ފޯވާޑް އެޑިން ޖެކޯ ވެސް ހިމެނެ އެވެ. މެންޗެސްޓާ ސިޓީ އަށް ކުޅެފައިވާ ޖެކޯ އަންނަނީ ރޯމާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.