20 ޖެނުއަރީ 2018 - 11:40

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަކީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބަށް ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗު އިންގްލެންޑްގެ ރިޔާން ނޯތުމޯ ބުނެފި އެވެ.
މިއީ 2016 ވަނަ އަހަރު އުފެދުނު ސައިފްގެ ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާ އެވެ. އެ ޓީމަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ޖާގަ ލިބުނީ ބަންގްލަދޭޝް ލީގާއި ކަޕް ޑާކާ އަބަހާނީ ކާމިޔާބުކުރިއިރު، ލީގުގައި ދެން އޮތް ގަދަ ތިން ޓީމުގެ ތެެރެއިން އޭއެފްސީ ލައިސަންސް އޮތީ ސައިފް އަތުގައި ކަމަށްވާތީ އެވެ. ސައިފް އަކީ މިދިޔަ އަހަރު ލީގުގެ ހަތަރު ވަނަ އެވެ.
"ހަގީގަތުގައި އަހަރެމެންނަށް މިއީ ލިބުނު ފުރުސަތެއް. މި ކްލަބަކީ ވަރަށް ޅަ ޓީމެއް ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް. އެކަމަކު ފުޓްބޯޅައިގައި ކާމިޔާބު ހޯދަން ވަކި މިނެއް ނެތް،" ކުރިން އިނގިރޭސި ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކޯޗުކޮށްދިން ނޯތުމޯ އެ ގައުމުގެ ޑެއިލީ ސްޓާ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ޓީސީ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން އެ މުބާރާތް ކާމިޔާބުކުރިއިރު ވަނީ ޑާކާ އަބަހާނީ ވެސް ބަލިކޮށްފަ އެވެ. ނޯތުމޯ ބުނީ ޓީސީގެ މި ކާމިޔާބީ އަށް ބަލާއިރު، އެ ޓީމަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުނޭގެނެ ކަމަށެވެ.
"ޓީސީ ބަންގްލަދޭޝްގައި ކުުޅުނު މުބާރާތް ކާމިޔާބުކުރިއިރު ދެއްކި ހިތްވަރުގެ ވާހަކަ އަހަންނަށް ބައެއް އޮފިޝަލުން ކިޔައިދިން. މިއީ ހަގީގަތުގައި ސައިފަށް ޗެލެންޖެއް. ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްވާން ލިބޭ ފުރުސަތެއް މިއީ،" ނޯތުމޯ ބުންޏެވެ.
ސައިފްގެ ފުރަތަމަ ކޯޗަކީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ސާބިއާގެ ނިކޮލަ ކަވަޒޮވިޗް އެވެ. އޭގެ ފަހުން އެ ޓީމަށް ވަނީ ގާނާގެ ކިމް ގްރާންޓް ވެސް އިރުޝާދުދީފަ އެވެ. ނޯތުމޯ އެ ޓީމާ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގަ އެވެެ.
އޭއެފްސީ ކަޕާ ދިމާކޮށް ސައިފް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޗިޓަގޮން އަަބަހާނީ އަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ލޯން އުސޫލުން ވަނީ ސައިފަށް ގެނެސްފަ އެވެ. މީގެ އިތުރުން މުހައްމަދޭން އަށް ކުޅޭ ނައިޖީރިއާގެ ކިންގްސްލީ ޗިގޯޒީ ވެސް ވަނީ ގެނެސްފަ އެވެ. ޗިގޯޒީގެ އިތުރުން ސައިފްގައި އިތުރު ބިދޭސީ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ކޮލަމްބިއާގެ މިޑްފީލްޑަރު ޑެއިނޭ ކޯޑޯބާ އާއި އުޒްބެކިސްތާންގެ މިޑްފީލްޑަރު އަރޯ އުމަރްޔޯނޯވްގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމްގެ ދަރި ޗާލީ ޝެރިންހަމް ހިމެނެ އެވެ.
އުމުރުން 29 އަަހަރުގެ ޗާލީ ޝެރިންހަމް އެ ޓީމާ ގުޅުނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. މިހާތަނަށް ސައިފަށް ޗާލީ ކުޅެދިން 10 މެޗުން ވަނީ ހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ޓީސީއާ ދެކޮޅަށް ކުޅޭ މެޗު ޕްރޮމޯޓްކޮށް ގިނަ ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ސައިފުން އަންނަނީ ގިނަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ޑާކާގައި ކުރިއަށް ގެންދަމުންނެވެ.