20 ޖެނުއަރީ 2018 - 11:44

ވިލާގެ ރިސޯޓްތަކުގެ މައްޗަށް ކަސްޓަމްސްއިން ކުރަނީ ކުރެވޭނެ ވަރުގެ ތުހުމަތުތަކެއް ވެސް ނޫން ކަމަށާއި އެ ރިސޯޓުތަކުން ހުރިހާ ކަމެއް ކުރަމުން އަންނަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ވިލާގެ ވަކީލުން މިއަދު ބުނެފި އެވެ.

ވިލާގެ ދަށުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ރޯޔަލް އައިލެންޑަށް އެތެރެކުރި ރާތަކެއް ވިލާގެ އެހެން ރިސޯޓުތަކަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އެ ރިސޯޓުތަކަށް އަރައި ފާސްކުރި މައްސަލާގައި، އެ ކުންފުނީގެ ވަކީލު މަސްތޫރު ހުސްނީ "މިހާރު" އަށް ވިދާޅުވީ ބަނގުރަލާއި އޫރުމަސް ވިލާގެ ރިސޯޓްތަކަށް އެތެރެކޮށްފައިވަނީ ހުރިހާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު ކަަމަށެވެ. އެހެންވެ، ގާނޫނާއި ގަވާއިދާ ޚިލާފަށް ވިލާގެ ރިސޯޓްތަކުން ކަންކަން ކުރާ ކަމަށް ބުނެ ތުހުމަތު ކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

"މިއީ ]ރަލާއި އޫރުމަސް] ގާނޫނާއި ގަވާއިދުގެ ތެރެއިން ރާއްޖެ އެތެރެކޮށްފައިވާ ތަކެތި. އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް. އެކަމުގެ ކިތާބީ ހެކި އެބަހުރި. އެހެންވީމާ އަޅުގަނޑުމެން ދެކޭ ގޮތުގައި ވިލާގެ ރިސޯޓުތަކަށް ކުރެވޭނެ ތުހުމަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަސްތޫރު ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގައި އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަނގުރާ ބަދަލުކުރުމަކީ އާންމުކޮށް ކުރާ ކަމަށް ވާހަކަ ދެއްކެވޭ ކަމަށެވެ.
"އެއީ އެއްބާރުލުން ދިނުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށް ވަނީ. އެހެންވީމާ އަޅުގަނޑަށް ދެންނެވޭނީ މިހާރު މިކުރަނީ ސީދާ ވިލާގެ ރިސޯޓުތަކަށް އަމާޒުކޮށްގެން ކުރާ ކަމެކޭ. މިއީ ވިލާގެ ރިސޯޓުތަކަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،" މަސްތޫރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އެއްވަގުތެއްގައި ވިލާގެ ރިސޯޓްތަކަށް އެރި ކަސްޓަމްސްގެ ޓީމުތަކަށް ފުރިހަމަ އެއްބާރުލެއް ދީފައިވާނެ އެވެ. އެގޮތުން ރަލުގެ ސްޓޮކް ފިޒިކަލީ ބެލުމުގެ ފުރުސަތު ދީފައިވާނެ ކަމަށް މަސްތޫރު ވިދާޅުވި އެވެ.
އަދި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަންހާއިރު، ކަސްޓަމްސްގެ ޓީމުތައް ރިސޯޓުތަކުން ފައިބައިގެން ދިޔައީ، އޭރު ކްރިމިނަލް ކޯޓުން ދީފައި އޮތް އަމުރުގެ ދަށުން ހުރިހާ ކަމެއް ނިންމުމަށް ފަހު ކަމަށް އެ ޓީމުން ބުނެފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.
"އެހެންވެ އިތުރު އަމުރެއްގެ ދަށުން މި މައްސަލާގައި ރިސޯޓްތަކުގައި ކުރާނެ ކަމެއް އޮތް ކަމަކަށް ވެސް ނުދެކެން،" މަސްތޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނަށް މީރާ ވެސް ވައްދަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ވިލާގެ ރިސޯޓްކުން ބަރާބަރަށް ޖީއެސްޓީ ވެސް ދައްކަމުން އަންނަ ކަމަށެވެ. އަދި އެންމެ ގިނަ އަދަދަކަށް ސަރުކާރަށް ޖީއެެސްޓީ ދައްކަނީ ވެސް ވިލާއިން ސަން އައިލެންޑުންކަން މަސްތޫރު ފާހަގަކުރެއްވި އެވެ.
"ވިލާއިން މިއުޅެނީ ގާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ކޮށްގެނެއް ނޫން. މިއީ ރިސޯޓްތަކުގެ އޮޕަރޭޝަން މަޑުޖައްސާލުމަށް ކުރާ މަސައްކަތެއް. ސަރުކާރުން މި އަމަލު ކުރާ ގޮތުން މީގެ ނޭދެވޭ އަސަރު ކުރާނެ. މިއޮތީ ފެށިފައި. މިއީ މި އިންޑަސްޓްރީގެ އެހެން ފަރާތްތަކުން ވެސް ވިސްނަންޖެހޭ ކަމެއް،" މަސްތޫރު ވިދާޅުވި އެވެ.
ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް މިއަދު ވިދާޅުވީ ސަން އައިލެންޑުގައި އެކަނި ވެސް 1،000 މުވައްޒަފުން ތިބިއިރު، ސަރުކާރުގެ އަމަލުގެ ނަތީޖާ އަކީ އެ މުވައްޒަފުންނާއި އާއިލާތައް ހާލުގައި ޖެހުން ކަމަށެވެ.