20 ޖެނުއަރީ 2018 - 11:30

ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕްރޮސެންކޯ ރާއްޖެ އަށް ކުރެއްވި އަގުބޮޑު ޗުއްޓީ ދަތުރުފުޅުގައި ފަސް ލައްކަ ޑޮލަރު (7 މިލިއަން ރުފިޔާ) ހޭދަ ކުރައްވާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފި އެވެ.
ނޫސްތަކުގައިވާ ގޮތުން "ސިއްރު" ޗުއްޓީ ދަތުރުފުޅެއްގައި ޕްރޮސެންކޯ 53، ރާއްޖެ ވަޑައިގަތީ މި މަހުގެ 2 ގަ އެވެ. ނ. އަތޮޅުގައި އޮންނަ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގައި އެމަނިކުފާނު ހަފްތާއެއްހާ ދުވަސް ޗުއްޓީ ހޭދަކުރެއްވުމަށް ފަހު، މިހާރު ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.
ނޫސްތަކުގައިވާ ގޮތުން ޖެޓެއް ކުއްޔަށް ނަންގަވައިގެން ޕްރޮސެންކޯއާއެކު އާއިލާގެ 10 ބޭފުޅަކު ވެސް ރާއްޖެ ވަޑައިގަތެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އެހެން ނަމެއް ބޭނުންކުރައްވައިގެން ކަމަށްވެ އެވެ.
ޕްރޮސެންކޯ ބޭނުންކުރީ، ނޫސްތަކުގައިވާ ގޮތުން، ޕެޓްރޯ އިންކޮނީޓޯގެ ނަމެވެ.
ޔޫކްރެއިންގެ ހަ ވަނަ ރައީސް ޕްރޮސެންކޯ އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2014 ގަ އެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ބޮޑެތި މަހުޖަނުންގެ ތެރޭގަ އެވެ.
އެނގިފައިވާ ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި ގައުމެއްގެ ވެރިއަކު ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެކަމަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފުޓްބޯޅަ ތަރިންނާއި ބޮލީވުޑާއި ހޮލީވުޑްގެ ތަރިން ވަރަށް ގިނައިން އާދެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 1.389.542 ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވެ އެވެ. މިއީ ރިކޯޑު އަދަދެކެވެ.