އޯބަމަޔަން އާސެނަލަށް؟ އެއީ ބާރެއް ނެތް ވާހަކަތަކެއް!
އޯބަމަޔަން އާސެނަލަށް؟ އެއީ ބާރެއް ނެތް ވާހަކަތަކެއް!

ޑޯޓްމަންޑް (ޖެނުއަރީ 20) – ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން އާސެނަލަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ފަތުރާ ރިޕޯޓްތަކުގައި ބާރެއް ނެތް ކަމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު ޕީޓާ ސްޓޮޖާ ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާސެނަލުން އަންނަނީ އެލެކްސިސް ސަންޗޭޒުގެ ބަދަލުގައި އޯބަޔަމަން ގެންނަން މަސައްކަތްކުރަމުންނެވެ. އެކަމަށް ބާރު ލިބުނީ ޖަރުމަން ލީގުގައި އިއްޔެ ހާތާ ބާލިންއާ 1-1 އިން ޑޯޓްމަންޑް އެއްވަރުވި މެޗަށް އޭނާ ޓީމާ އެކު ދަތުރުނުކުރުމުންނެވެ.

"މޭތު މަތީގައި އެއްވެސް އެއްޗެއް ނެތް. ހަމައެކަނި ހޫނު ވައި އުފެދިފައިހުރީ،" ރަނގަޅު އޮފާއެއް ނުލިބޭ ކަމާށް އިޝާރާތްކޮށް ކޯޗު ބުންޏެވެ.

ޓީމުގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން، އޭނާ އަށް ވަނީ އާދީއްތަ ދުވަހު ވޮލްފްސްބާގާ ދެކޮޅަށް ކުޅުނު މެޗު ވެސް ގެއްލިފަ އެވެ. އޭގެ ކުރިން ވެސް އޭނާ ކްލަބް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަރަށް ގަދަޔަށް ފެތުރުނެވެ.

"މުޅި ހަފުތާގައި ވެސް އޭނާ ޓްރެއިނިންގައި ވަރަށް ރަނގަޅު. އެހެންވެ އަހަރެން ޕްރެސް ކޮންފަރެންސުގައި ބުނީ އޭނާ ޓީމުގައި ހިމެނޭޔެ. އެކަމަކު ފަހު ޕްރެކްޓިހުގައި އަހަންނަށް އިހުސާސްކުރެވުނީ އޭނާ އަދި އެންމެ ރަނގަޅަށް ތައްޔާރުނުވާކަން. އެއީ ވަރަށް މުހިއްމު މެޗެއް. އަދި އަހަރެމެންގެ އެބަތިބި ވަރަށް ބައިވަރު ކޮލިޓީ ކުޅުންތެރިން، ބަދަލުގައި އެހެން ކުޅުންތެރިޔަކު ނެގޭހާ،" އޯބަޔަމަން ޓީމުގައި ނުހިމެނުނު ސަބަބު ކޯޗު ކިޔައިދިނެވެ.

ސްޓޮޖާ ބުނީ އަންނަ ހަފުތާގައި އޯބަޔަމަން ޕްރެކްޓިހުގައި ސަތޭކަ ޕަސެންޓް ދީފި ނަމަ އޭނާ ސްކޮޑުގައި ހިމެނޭނެ ކަމަށެވެ.

އޭސީ މިލާނުން ކެރިއަރު ފެށި އޯބަޔަމަން ވިދާލީ ފްރާންސުގެ ސެއިން-އެޓިއެން އަށް ކުޅުނު ދުވަސްވަރެވެ. އަދި ފަހުން ޑޯޓްމަންޑަށް ބަދަލުވެ އޭނާ ވަނީ ޔޫރަޕުގެ އެންމެ ގޯލާ ރަށްޓެހި އެއް ފޯވާޑަށް ވެފަ އެވެ. އޭނާ ގެންދަން މި ސީޒަނުން މިލާން ވެސް ބޭނުންވި އެވެ. އެކަމަކު ޑޯޓްމަންޑުން ކިޔާ އަގު މާ ބޮޑީ އެވެ. އަދި އެތުލެޓިކޯ މެޑްރިޑުން ވެސް އޭނާ ބޭނުންވާ ކަމަށްވެ އެވެ.