20 ޖެނުއަރީ 2018 - 08:56

ވިލާގެ އެއްވެސް ރިސޯޓަކަށް ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއަކުން އަރައި، މުދާ ހިފެހެއްޓުމުގެ ކޯޓު އަމުރެއް ނެތި، އެ ކުންފުނީގެ މުދާ ގަދަބާރުން ގެންދިއުމަށް ކުރާ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންއިން ރޭ ބުނފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އިން އެހެން ބުނިއިރު، އެ ކުންފުނީގެ ދަށުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ރޯޔަލް އައިލެންޑަށް އެތެރެކުރި ރާތަކެއް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން ވަނީ އިއްޔެ ރޭ އެ ހުރިހާ ރިސޯޓެއް ފާސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ވިލާއިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ހުއްދައަކާއެކު، ކަސްޓަމްގެ ކްލިއަރެންސް ހޯދައި، ބަނގުރާ އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކުން އެ އެތެރެކުރުމަށް ފަހު، ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ބަނގުރާ ބަދަލުކުރުމަކީ ރާއްޖޭގެ ގާނޫނުތައް ހުއްދަ ކަމެއް ކަމަށެވެ.
ކަސްޓަމުން ބުނެފައި ވަނީ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮތީ ބާތިލްކޮށްފައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ރިސޯޓްތައް ފާސްކުރުމަށް ފަހު، ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ، ރަލާއި އޫރުމަސް ދޫކުރުމުގެ އިތުރުން ވެސް އެ ރިސޯޓުތަކަށް އެހެނިހެން ޚިދުމަތްތައް ދިނުން ވެސް ކަސްޓަމްސް އިން އެ ތާރީޚުގައި ހުއްޓާލާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ވިލާއިން ނެރުނު ބަޔާނުގައި ބުނިގޮތުގައި، ފުލުހުންގެ އެހީތެރިކަމާއެކު ކަސްޓަމުން ވިލާގެ ހަތަރު ރިސޯޓަކަށް އަރައި، އެ ރިސޯޓްތަކުގެ ރަލުގެ ސްޓޮކް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
އެ ރިސޯޓްތަކުގައި ހުރި ރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދާނެކަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ކަސްޓަމުން ރިސޯޓްތަކުގެ މެނޭޖްމަންޓަށް އެންގި ކަމަށް އެ ތަންތަނުގެ އިސްވެރިން ވަނީ ބުނެފަ އެވެ. އެކަމަކު އެކަން ނުކޮށް ކަސްޓަމާއި ފުލުހުން ވަނީ ރިސޯޓްތަކުން އެ ރޭ ފައިބައިފަ އެވެ.
ވިލާއިން ބުނީ ކޯޓު އަމުރެއް ނެތި، އަދި ގާނޫނާއި ގަވާއިދުގެ އިމުގެ ބޭރުން ހިންގާ އޮޕަރޭޝަނެއްގައި، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މުވައްޒަފުން ބައިވެރި ނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ގާނޫނާ ޚިލާފަށް ހިންގާ ކޮންމެ އަމަލަކަށް އެ އަމަލެއް ހިންގި މުއައްސަސާއަކާއި، އަދި އެ އަމަލެއްގައި ބައިވެރިވި ކޮންމެ މީހަކުމެ، ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް މި ކުންފުނީގެ ފަރާތުން ކުރާނެ ކަމުގައި ވެސް ދަންނަވަމެވެ،" ވިލާއިން ބުންޏެވެ.
އެ ކުންފުނިން ބުނީ، ބޮންޑެޑްވެއާ ހައުސްއިން ރޯޔަލް އައިލެންޑްގެ ނަމުގައި ދޫކުރި ބަނގުރާ، ވިލާގެ އަނެއް ހަތަރު ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަމާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނު ނަމަވެސް ކަސްޓަމަސް އަށް އެކަމުގެ ހެއްކެއް ފެނިފައި ނެތް ކަމަށެވެ. އަދި އެއީ ވިލާގެ މުދާ ހިފެހެއްޓުމުގެ އަމުރެއް ނޫން ކަން ވެސް ވިލާއިން ފާހަގަކުރެ އެވެ.
"ވަކި ސަބަބެއް ބަޔާންކޮށް، ވަކި ބޭނުމަކަށް ދީފައިވާ ކޯޓު އަމުރެއް ތަންފީޒީ އިދާރާއަކުން ހޯދުމަށް ފަހު، އެ ކޯޓު އަމުރު ހޯދި ބޭނުން ފިޔަވައި، ފޮރުވިފައިވާ ނާޖާއިޒް އެހެން މަގުސަދެއް ހާސިލް ކުރުމަށް އެ ކޯޓު އަމުރު ބޭނުން ކުރުމަކީ އެއްވެސް ހާލަތެއްގައި ހުއްދަ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
"ކްރިމިނަލް ކޯޓު އަމުރުގެ ނާޖާއިޒް ބޭނުންކޮށް، މި ކުންފުނީގެ ފަރާތުން ގާނޫނީ ގޮތުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ހިންގަމުންދާ ވިޔަފާރިތަކަށް ހުރަސްއަޅައި، މި ކުންފުނީގެ މުދާ ގާނޫނާ ޚިލާފަށް ނެގުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ."