19 ޖެނުއަރީ 2018 - 18:04

ވިލާ ކޮލެޖުގައި މިހާރު ހިންގާ އޭސީސީއޭ ޕްރޮފެޝަނަލް ޕްރޮގްރާމް ހަރުދަނާކުރަން ލަންކާގެ ބިޒްނަސް ސްކޫލަކާއެކު ރޭ ސޮއިކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރާއި ލަންކާގެ އައިކަން ބިޒްނަސް ސްކޫލުގެ ސީއީއޯ ގިލްޝާދު ގިފްރީ ވަނީ ސޮއިކުރައްވައިފަ އެވެ.
އައިކަން ބިޒްނަސް ސްކޫލަކީ ލަންކާގައި އޭސީސީއޭ ޕްރޮގްރާމް ހިންގުމުގައި އެންމެ ކާމިޔާބު އެއް ކޮލެޖެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން ލަންކާގެ އައިކަން ބިޒްނަސް ސްކޫލްގެ ލެކްޗަރާއިން ވިލާ ކޮލެޖުގައި ކިޔަވައިދިނުމާއި ކޯސް މާކެޓު ކުރުމުގައި އެހީތެރިވެދޭނެ އެވެ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަންވަރު ވިދާޅުވީ، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް އަކީ ރާއްޖެއަށް ވަރަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށެވެ. އެ ކޮލެޖުގައި ކޯސްތައް ފެށުމުން، ވިޔަފާރިތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ފަސޭހަ ވެގެންދާ ކަން ފާހަގަކުރެއްވި އެވެ.