ޗޭނު ޖެހި ކުދިންނަށް އަނިޔާ ނުކުރާ ކަމަށް ބެލެނިވެރިން ބުނެފި
ޗޭނު ޖެހި ކުދިންނަށް އަނިޔާ ނުކުރާ ކަމަށް ބެލެނިވެރިން ބުނެފި

ކެލިފޯނިއާ (ޖެނުއަރީ 19) - ކެލިފޯނިއާގައި ގެއެއްގައި ޗޭނު ޖަހާފައި ބަންދުކޮށްފައި ތިއްބާ ސަލާމަތް ކުރި 13 ކުދިންނަށް އަނިޔާ ނުކުރާ ކަމަށް އެ ކުދިންގެ ބެލެނިވެރިން ބުނެފި އެވެ.

ޑޭވިޑް ޓާޕިން، 56، އާއި ލުއިސް ޓާޕިން، 49، ކޯޓަށް ހާޒިރު ކުރުމުން ބުނެފައި ވަނީ އެ މީހުންނަކީ ކުށެއް ނެތް ބައެއް ކަމަށެވެ. އެކަމަކު އެ މީހުންގެ މައްޗަށް ވަނީ އަނިޔާ ކުރުމާއި ހުއްދަ ނޫން ގޮތުގައި ބަންދުކޮށްގެން ބަޔަކު ގެންގުޅުމުގެ ދައުވާ އުފުލައިފަ އެވެ.

ކުދިން ސަލާމަތްވީ އެ އާއިލާ އަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖަކު ގޭގެ ކުޑަދޮރުން ފުންމާލައިގެން ގޮސް ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންނެވެ. ފުލުހުން ބުނީ 17 އަހަރު ކުއްޖާ ވެސް ހުރީ ވަރަށް ބޮޑަށް ހިކިފައި ކަމަށާއި ފެންނަ ފެނުމަށް އެ ކުއްޖާ ހީވަނީ 10 އަހަރުގެ ކުއްޖެއްހެން ކަމަށެވެ. ފުލުހުން ވަނީ އެ ކުދިންގެ ބެލެނިވެރިން ހައްޔަރު ކޮށްފަ އެވެ. ބަންދުކޮށްފައި ތިބި އެއް އާއިލާ އަށް ނިސްބަތްވާ ކުދިންގެ އުމުރަކީ 2-29 އަހަރެވެ.

ރިވާސައިޑް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ މައިކް ހެސްޓްރިން ވިދާޅުވީ ދެމަފިރިން އެ މީހުންގެ ދަރިންނަށް އަދަބު ދިނުމުގެ ގޮތުން ފުރަތަމަ ކުރި ކަމަކީ އެ ކުދިން އައްސާފައި ބޭތިއްބުން ކަމަށެވެ. އަދި ޗޭނު ޖެހީ އޭގެ ފަހުން ކަމަށް އެޓާނީ ވިދާޅުވި އެވެ. ބަންދުކޮށްފައި ތިބި ކުދިން ފެންވަރުވަނީ ވެސް އަހަރަކު އެއް ފަހަރު ކަމަށް ހެސްޓްރިން ވިދާޅުވި އެވެ. އެ ކުދިންނަށް ކާންދެނީ ދުވާލަކު އެއް ފަހަރު ކަމަށް ވެސް އެޓާނީ ވިދާޅުވި އެވެ. ކާން ނުދީ ބޭތިއްބުމުގެ ސަބަބުން 29 އަހަރުގެ މީހާގެ ބަރުދަނުގައި ހުރީ 37 ކިލޯ އެވެ.

ޑޭވިޑް އާއި ލުއިސްގެ މައްޗަށް އިއްވާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެ މީހުންނަށް 94 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސަލާމަތް ކުރި ކުދިންނަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.