19 ޖެނުއަރީ 2018 - 12:35

ބާލިން (ޖެނުއަރީ 19) - އުތުރު ޔޫރަޕަށް އެރި ބާރުގަދަ ތޫފާނުގައި ޖަރުމަނާއި ނެދަލޭންޑްސް އަށް ބޮޑެތި ގެއްލުންތައް ލިބި އަށް މީހުން މަރުވެއްޖެ އެވެ.

ދެ ގައުމުން ވެސް ގިނަ މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްގަހުގައި ޖެހިގެންނެވެ. އެކަކު ވަނީ އޭނާ އިން ވޭން ގަދަ ވައިގައި ފުރޮޅާލައިގެން މަގުގެ އަނެއް ފަރާތަށް އެއްލާލުމުން މަރުވެފަ އެވެ. ތޫފާން މިހާރު ވަނީ ޕޮލެންޑަށް އަރައިފަ އެވެ.
ތޫފާނާ ގުޅިގެން ވަނީ ޔޫރަޕުގެ އެންމެ ބިޒީ އެއް އެއާޕޯޓް ކަމަށްވާ އެމްސްޓެޑަމްގެ ސްޗިޕޯލް އެއާޕޯޓް ކުޑަ ވަގުތު ކޮޅަކަށް ބަންދު ކުރަން ޖެހިފަ އެވެ. އަދި ޓާމިނަލް އިމާރާތުގެ ފުރާޅު އެއްލާލުމުން ވަނީ ދެ ޑިޕާޗާ ހޯލް ބަންދުކޮށްފަ އެވެ.
ޖަރުމަނުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނީ 65،000 ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި ޖަރުމަނުގެ ގިނަ ސްކޫލްތައް މިއަދު ވަނީ ބަންދުކޮށްފަ އެވެ. ޖަރުމަނުގެ ގިނަ ޑޮމެސްޓިކް ފްލައިޓްތައް ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ޖަރުމަނުގެ ނޭޝަނަލް ޓްރާންސްޕޯޓް ވެބްސައިޓުން ބުނި ގޮތުގައި ތޫފާނުގެ ގަދަ ވައިގައި ވަނީ 17 ޓްރަކް އެއްލާލައިފަ އެވެ.
ތޫފާނުގައި އިނގިރޭސި ވިލާތަށް ވެސް ވަނީ ބުދަ ދުވަހުގެ ރޭ ގެއްލުންތައް ލިބިފަ އެވެ.