18 ޖެނުއަރީ 2018 - 23:01

ރާ ވެސް ހިމަނައިގެން ހަދާފައިވާ ޕެކޭޖް ނަގައިގެން ތިބި ވަރަށް ގިނަ ޓޫރިސްޓުން އެ ދެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ސަން އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓުން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ވިލާގެ ފަސް ރިސޯޓެއް ކަސްޓަމާއި ފުލުހުން ފާސް ކުރަމުން ގެންދާއިރު، އެ ރިސޯޓުތައް ފާސްކުރަނީ ރޯޔަލް އައިލެންޑަށް އެތެރެކުރި ރާތަކެއް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގަ އެވެ. އެހެންވެ، އެ ރިސޯޓުތަކުގައި މިދިޔަ މާޗް މަހުން ފެށިގެން އެތެރެކޮށްފައިވާ ހުރި ހުރިހާ ރަލަކާއި އޫރުމަހެއް މިރޭ ގެންދާނެ ކަމަށް ކަސްޓަމުން ވަނީ ރިސޯޓުތަކަށް އަންގައިފަ އެވެ.
ޕެރެޑައިސްގެ އިސް އޮފިޝަލަކު ވިދާޅުވީ 600 އެއްހާ ޓޫރިސްޓުން އެބަތިބި ކަމަށާއި ރިސޯޓުގައި ހުރިއްޔާ ހުރިހާ ރަލަކާއި އޫރު މަހެއް ގެންގޮސްފިއްޔާ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. ހަމައެގޮތަށް ސަން އައިލެންޑުން ބުނީ ރިސޯޓުގެ އޮކިއުޕަންސީ 100 ޕަސެންޓުގައި އޮތް އިރު އޭގެ ތެރެއިން 30 ޕަސެންޓަކީ އޯލް އިންކްލޫސިވް ޕެކޭޖް ކަމަށެވެ.
"އޭގެ ތެރޭގައި ހާއްސަ ގޮތެއްގައި ހިމެނޭނީ ޑްރިންސް،" ސަން އިންް ބުންޏެވެ.
ޕެރެޑައިސް އިން ބުނީ ރިސޯޓު ފާސްކުރާ ވާހަކައަކާ އެކު ވަރަށް ގިނަ ޓޫރިސްޓުން ޝަކުވާ ކުރާ ކަމަށާއި ރިސޯޓު ފާސްކުރާކަން އެނގި، އަދި ވެގެން އުޅޭ ގޮތް ވެސް އެނގިގެން އެ މީހުންގެ ޗުއްޓީ އަށް ވެދާނެ ގޮތަކާ ދޭތެރޭ ސުވާލު އުފައްދާ ކަމަށެވެ.
ސަން އައިލެންޑުން ވެސް ބުނީ ރިސޯޓުތައް މިހެން ޗެކް ކުރުމަކީ ސީދާ ޓޫރިޒަމް ދާއިރާ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.