އެމްއެންޔޫގެ ގިނަ ކޯސްތަކުގެ ޖާގަ އިތުރުކޮށްފި
އެމްއެންޔޫގެ ގިނަ ކޯސްތަކުގެ ޖާގަ އިތުރުކޮށްފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މި ޖެނުއަރީގައި ފަށާ 30 ކޯހެއްގެ ޖާގަ އިތުރުކޮށްފި އެވެ.

އެ ޔުނިވާސިޓީން މިއަދު ބުނީ ކަނޑައަޅާފައިވާ ޖާގަ އަށް ވުރެ އިތުރަށް 30 ކޯހަކަށް ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. އެހެންވެ އެ ދަރިވަރުންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން، 300 ޖާގަ އިތުރުކޮށްފައިވާ ކަމަށް ބުންޏެވެ.

އެމްއެންޔޫގެ ކޯސްތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑީ ނާސިންގެ ޕްރޮގްރާމްތަކަށެވެ. ކޯހަށް ހުޅުވައިލާ ދުވަހު ނާސިން ޕްރޮގްރާމްތަކުގެ ޖާގަ ފުލްވާކަން އެ ޔުނިވާސިޓީން ފާހަގަކުރި އެވެ. މީގެ އިތުރުން ފައުންޑޭޝަން ކޯސްތަކާއި ބިޒްނަސް ދާއިރާގެ ކޯސްތަކުން ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ޖާގަ އިތުރުކޮށްފައިވެ އެވެ.

މަތީ ތައުލީމް ފޯރުކޮށްދިނުމަށް އެމްއެންޔޫ އިން އަންނަނީ ސްކޮލަޝިޕްގެ ފުރުސަތު ވެސް ފަހިކޮށްދެމުންނެވެ. ކޮންމެ ސެމިސްޓާއެއްގައި ހުޅުވައިލާ 24 ސްކޮލަޝިޕަށް ކުރިމަތިލާން އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މުއްދަތު ދީފައި ވެ އެވެ. އެމްއެންޔޫ ސްކޮލަޝިޕް ދެނީ ޑިގްރީ އަދި މާސްޓާސް އަށް ކިޔެވުމަށެވެ.

މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރަން މިއަދު ވަނީ ފަށައިފަ އެވެ. އެ ދަރިވަރުންނަށް އަމާޒުކޮށް، ކޯސްތަކަށް ފޯމުތައް ބަލައިގަތުމާއި ކެރިއާ ގައިޑަންސް ދިނުމުގެ ހާއްސަ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ. އެ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގެ ގޯތި ތެރޭގައި ހަވީރު 4:00-6:00 އަށް ކުރިއަށްގެންދާ އެ ހަރަކާތުގައި، ޝަރުތު ހަމަވާ ދަރިވަރުންނަށް ކޯހުން ވަގުތުން ޖާގަ ދެވޭނެ ކަން ވެސް ފާހަގަކުރި އެވެ.

އޭ ލެވެލް ނަތީޖާ ލިބޭ ދަރިވަރުންނަށް އަމާޒުކޮށް، އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އޯޕެންޑޭ ބާއްވަން ވަނީ ނިންމައިފަ އެވެ.

މި މަހު ފަށާ ކޯސްތަކަށް 4479 ދަރިވަރުން ކުރިމަތިލާފައި ވެ އެެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 2853 ދަރިވަރުންނަށް ފުރުސަތު ދީފައިވާއިރު، މިހާރު ވެސް ކިޔަވަމުން އަންނަ 7070 ދަރިވަރުންނާއެކު، މި ސެމިސްޓާގައި ގާތްގަނޑަކަށް 9000 ދަރިވަރުން ކިޔަވާނެ އެވެ.