18 ޖެނުއަރީ 2018 - 21:30

ގާސިމްގެ ރިސޯޓްތައް ފާސްކުރުމަށް ކޯޓު އަމުރާއެކު އެ ރިސޯޓުތަކަށް އެރި ކަސްޓަމްސްގެ ޓީމު ރިސޯޓުތަކުން މީގެ އިރުކޮޅެއް ކުރިން ފައިބައިފި. ރޯޔަލް އައިލެންޑް ރިސޯޓް ފިޔަވައި، ގާސިމްގެ އެހެން ރިސޯޓުތަކުގައި ހުރި ރަލާއި އޫރުމަސް ގެންދަން ކަސްޓަމްސް އިން މަސައްކަތް ކުރި ނަމަވެސް މިރޭ އެއިން އެކައްޗެއް ވެސް ނުގެންދޭ. އެކަމަކު މި ހިސާބުން ފާސްކުރުން ނިމުނީ ކަމެއް އަދި ކަށަވަރެއް ނޫން.

ޕެރެޑައިސް އައިލެންޑް ރިސޯޓު ބަލައި ފާސްކުރުން މިވަގުތަށް ވަނީ ހުއްޓާލާފައި. ކަސްޓަމްސްގެ މުވައްޒަފުންނާއި ފުލުހުން ކޮޕީ ޝޮޕްގައި މަޑުކޮށްލައިގެން މިވަގުތު ތިބިއިރު، ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ގެންދިއުމަށް ޕެރެޑައިސް ރިސޯޓަށް ކަސްޓަމާއި ޕޮލިސްގެ ލީގަލް ޓީމެއް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވަކީލު ސަފާ ޝަރީފް ވަނީ ވިދާޅުވެފައި. އަދި މި ރިސޯޓުގައި ކަސްޓަމާއި ފުލުހުންގެ ދެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުން.

އެނގިފައިވާ ގޮތުގައި ހޮލިޑޭ އައިލެންޑް ރިސޯޓަށް ދާދި ދެންމެއަކު ފުލުހުންގެ ލޯންޗެއްގައި މީރާގެ އޮފިޝަލުންތަކެއް ވެސް ވަނީ ގޮސްފައި. އެ ރިސޯޓުން ބުނާ ގޮތުގައި މީރާގެ ދެ މީހަކު ވަނީ ރިސޯޓަށް ގޮސްފައި. އެކަމަކު އެ ރިސޯޓަށް ދިޔައީ ކީއް ކުރަން ކަމެއް އަދި ނޭނގެ.

ރިސޯޓުން ބުނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ވެސް ނުހުންނާނެ ކަމަށް. އެހެން ނަމަވެސް، ތަހުގީގަށް ބޭނުންވާ އެއްޗެއް ގެންދަން ބޭނުން ނަމަ ރިސޯޓަށް ދެން ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ބުނި.
ޕެރެޑައިސް އައިލެންޑް ރިސޯޓަށް ފުލުހުންނާ އެކު ކަސްޓަމްސްގެ ފަސް އޮފިޝަލުން ގޮސް އެ ރިސޯޓު ފާސްކޮށް ނިންމައިފި. އެނގިފައިވާ ގޮތުގައި އެހެން ޓީމެއް މިހާރު ދަނީ އެ ރިސޯޓަށް ދަތުރު ކުރަމުން.
ކަސްޓަމުން މިހާރު ހިންގާ ތަހުގީގަކަށް ސަން އައިލެންޑް ރިސޯޓުގައި ހުރި ރަލާއި އޫރު މަސްތައް ރަށުން ގެންދަން އުޅުނަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ރިސޯޓުން ދެންމެ ބުނެފި އެވެ.
"ގާނޫނާ ޚިލާފަކަށް އެއްވެސް އެއްޗެއް ނުގެންދެވޭނެ،" ރިސޯޓުގެ މެނޭޖްމަންޓުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
މި ރިސޯޓުގައި މި ވަގުތު 1،000 އަށް ވުރެ ގިނަ ޓޫރިސްޓުން އެބަތިއްބެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު މި ރިސޯޓުގެ ފުލް އޮކިއުޕަންސީ އެވެ.
މެނޭޖްމަންޓުން ބުނާ ގޮތުގައި ކަސްޓަމްގެ ހަތަރު މީހަކާއި ދެ ފުލުހަކު ރިސޯޓުގައި މިވަގުތު ވެސް އެބަތިއްބެވެ.
ސަން އައިލެންޑް ރިސޯޓުގެ އިތުރުން، ވިލާގެ ޕެރެޑައިސް އާއި ރޯޔަލް އާއި ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓު ބަލާ ފާސްކުރަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އަށް ދޫކުރި ބަނގުރާތަކެއް އެ ރިސޯޓާ ގުޅުން ހުރި އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށެވެ. އެކަމަކު މި އަމުރުގައި އެއްވެސް އެއްޗެއް އެ ރިސޯޓުތަކުން ގެންދެވޭނެ ކަމުގެ ވާހަކައެއް ނެތެވެ.
"ވަރަށް ކަންބޮޑުވެފައި މިތިބީ. ގެސްޓުން ވެސް މިތިބީ ކަންބޮޑުވުމެއްގެ ތެރޭގައި. މިތަނުގެ ބާތަކާއި ތަންތަނަށް ވަދެ ފާސްކުރަންޏާ ގެސްޓުން ކަންބޮޑުވާނެތާ،" އޮފިޝަލް ވިދާޅުވި އެވެ.
"މިއަދު ވެސް ކޮފީޝޮޕްގައި އެންމެ ބާރުބޮޑުވި ގަޑީގައި އެތަން ފާސްކުރަން ވަނީ."
މި ރިސޯޓަށް މިދިޔަ މާޗް 22 އިން ފެށިގެން އެތެރެ ކޮށްފައި ހުރި ހުރިހާ ރަލަކާއި އޫރު މަހެއް ރިސޯޓުން ގެންދާނެ ކަމަށް ކަސްޓަމުން ވަނީ އަންގައިފަ އެވެ. އެހެންވެ، ރާއްޖޭގެ ޓީވީ ސްޓޭޝަންތަކާއި ބައެއް ނޫސްވެރިން ވެސް ވަނީ މި ފަސް ރިސޯޓަށް ގޮސްފަ އެވެ.
ސަން އައިލެންޑުން ބުނީ، މި ތަނަށް އައިސް ތިބި ތަހުގީގު ޓީމު ބޭނުންވާ ހުރިހާ ލިޔުންތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ.
"ދެން މިރޭ އެންގީ ހުރިހާ އެއްޗެހި ގެންދަން ބޭނުމޭ،" އޮފިޝަލް ވިދާޅުވި އެވެ. "އެކަމަކު ގާނޫނާ ހިލާފަކަށް އެއްވެސް އެއްޗެއް މި ރިސޯޓަކުން ނުގެންދެވޭނެ. އެއީ ވަރަށް ބައިވަރު އެއްޗެހި."
"މިއީ ފުލްކޮށް ގެސްޓުން ތިބޭ ރަށެއް. އެތައް މިލިއަން ޑޮލަރެއްގެ މުދާ އެއީ. އެ އެއްޗެހި ގެންގޮސްފިއްޔާ ރިސޯޓު މުޅިން ހުއްޓުމަކަށް އަންނާނެ."
ރިސޯޓުގެ އެ ތަކެތި ބާލާނެ އިރެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ތަކެތި ބަލާ ދޯނިތަކެއް މި ރަށަށް އަންނަން ވަނީ ފުރައިފަ އެވެ.