މުއްދަތު ޖެހުމާއި އަމުރު ނެރުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި ގާޒީ ބާރީއަށް
މުއްދަތު ޖެހުމާއި އަމުރު ނެރުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި ގާޒީ ބާރީއަށް

ކްރިމިނަލް ކޯޓުގައި ބަންދާ މެދު ގޮތެއް ނިންމުމުގެ މަސައްކަތާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރެއްވޭނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފަށް އެކަނި ކަމަށް ހަމަޖައްސައިފި އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިން ކުރަމުން އައީ ވަކި ތާވަލެއްގެ ދަށުން އެކި ގާޒީން ކުރާ ގޮތަށް ކަމަށްވިޔަސް އެ މަސައްކަތް ހަމައެކަނި ގާޒީ ބާރީ ކުރައްވާ ގޮތަށް ހަމަޖެއްސީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް އެނގިފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ނުލިބުނެވެ.

ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބައްލަވާފައިވާ ގާޒީ ބާރީއާ އެ ކޯޓު ހިންގުން ހަވާލުކުރީ ކުރިން އިސްގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު މިދިޔަ ފެބްރުއަރީ މަހު ފެމިލީ ކޯޓަށް ބަދަލުު ކުރުމުންނެވެ.

އިސްގާޒީއަކަށް އަބްދުﷲ ހުންނެވިއިރު ވެސް 2010 ގައި ވަނީ ބަންދުގެ މުއްދަތު ޖެހުމާއި އަމުރުތައް ނެރުމުގެ މަސައްކަތް އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދަވައިފަ އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި ދުވަސްވަރު ކްރިމިނަލް ކޯޓުގައި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ހަމައެކަނި އިސްގާޒީ އަށް ކުރެވޭ ގޮތަށް ހަދައި، އެހެން ގާޒީންގެ އަތުގައި ހުރި ކޯޓުގެ ތައްގަނޑުތައް ވެސް އޭރު އަތުލި އެވެ.