އެހެން ކުޅުންތެރިޔަކު ލިބެންޏާ ގެއްލުމެއް ނެތް: ވެންގާ
އެހެން ކުޅުންތެރިޔަކު ލިބެންޏާ ގެއްލުމެއް ނެތް: ވެންގާ

ލަންޑަން (ޖެނުއަރީ 18) - އަލެކްސިސް ސަންޗޭޒް ކްލަބް ދޫކޮށްލިޔަސް އޭނާގެ ބަދަލުގައި އާސެނަލަށް ފެންވަރު ރަނގަޅު ކުޅުންތެރިޔަކު ލިބޭނަމަ އެ ޓީމަށް ގެއްލުމެއް ނެތް ކަމަށް އެ ކްލަބްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

އާސެނަލުން އަންނަނީ ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ދިނުމަށް ފަހު އެ ޓީމަށް ކުޅޭ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ގެންނަން މަސައްކަތް ކުރަމުންނެވެ. ވެންގާ ވަނީ މި ޓްރާންސްފާ ވަރަށް އަވަހަށް ނިމިގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

"ޓްރާންސްފާގެ މި ފަދަ ކަންތައްތަކުގެ ތެރޭގައި އަހަރެން އުޅޭތާ 30 އަހަރު ވެއްޖެ. މިއީ ވެދާނެ ކަމެއް. ވުން ވަރަށް ގާތުގައި އޮތް ކަމެކޭ ވެސް ބުނެވިދާނެ. އެކަމަކު އެކަމެއް ރަސްމީކޮށް ނުނިމޭހާ ހިނދަކު ނުވުމުގެ ފުރުސަތެއް ވެސް އެބައޮތް،" ވެންގާ ބުންޏެވެ.

ސަންޗޭޒް ކުރިން ބަދަލުވާނެ ކަމަށް ބެލެވުނީ މެންޗެސްޓާ ސިޓީ އަށެވެ. އެއީ މި ސީޒަން ފެށުމުގެ ކުރިން ސިޓީން ސަންޗޭޒަށް 60 މިިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވުމުންނެވެ. އެހެން ނަމަވެސް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސަންޗޭޒް ވިއްކާލަން އާސެނަަލުން ބޭނުންވާ އަގު ބޮޑުވުމުންނާއި ސަންޗޭޒް ބޭނުންވާ ވަރުގެ މުސާރައެއް ދޭން ސިޓީން ބޭނުމެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވަނީ ހަފްތާ އަކު 400،000 ޕައުންޑާ ގާތްކުރާ މުސާރަ އަކަށެވެ. ސިޓީން ހުށަހެޅީ 250،000 ޕައުންޑެވެ.

މި ޓްރާންސްފާ ނުހިނގައި އޮތް އެންމެ ބޮޑު ސަބަބަކީ މިކިތާރްޔަން އަށް ޔުނައިޓެޑުން ލިބެން ޖެހޭ 13 މިިލިއަން ޕައުންޑުގެ ކޮމްޕެންސޭޝަން ފީ ހަމަނުޖެހި އޮތުމުންނާއި އާސެނަލުން އޭނާ އަށް ދޭނެ މުސާރަ އަކާ މެދު އެއްބަސްނުވެވިގެންނެވެ. އެހެން ނަމަވެސް ވެންގާ ވަނީ މިކިތާރްޔަންގެ މުސާރައިގައި މައްސަލައެއް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

"މިކިތާރްޔަންގެ މުސާރަ މައްސަލައަކަށް ނުވާނެ. އާސެނަލުން އެކަން ހަމަޖައްސާނެ،" ވެންގާ ބުންޏެވެ.

އާރްމީނިއާގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މިކިތާރްޔަން އާސެނަލާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އަދި ހަފްތާ އަކު މިކިތާރްޔަން އަށް 235،000 ޕައުންޑް ލިބޭނެ އެވެ. އެއީ ޓެކްސް އަށް ފަހު އަހަރަކު 12.2 މިލިއަން ޕައުންޑެވެ.

މީގެ އިތުރުން ވެންގާ ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އައުބަމަޔަން އަކީ އާސެނަލާ ވަރަށް ގުޅޭ ފޯވާޑެއް ކަމަށް ބުނެފަ އެވެ. އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޯޑޯ އަށް ކުޅޭ ބްރެޒިލްގެ ވިންގް މެލްކޮމް އާސެނަލާ ނުގުޅޭނެ ކަމަށް ވެސް ބުންޏެވެ.