18 ޖެނުއަރީ 2018 - 16:00

ބްރަސެލްސް (ޖެނުއަރީ 18) - ފަލަސްތީނުގެ ރެފިއުޖީންނަށް، އދ.ގެ އެޖެންސީ ޔޫއެންއާރުޑަބްލިއުއޭ މެދުވެރިކޮށް އެމެރިކާ އިން ދޭ އެހީގެ ތެރޭން 65 މިލިއަން ޑޮލަރު ކަނޑާލި ނަމަވެސް ބެލްޖިއަމުން 23 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
ބޮޑު ވަޒީރުގެ ނައިބް އެލެގްޒެންޑާ ޑި ކްރޫ ވިދާޅުވީ ބެލްޖިއަމުން ފައިސާ ދޫކުރަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ޕޭމަންޓް ވަގުތުން ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް ނުވަތަ ޔޫއެންއާރުޑަބްލިއުއޭ އަށް އެމެރިކާ އިން ދޭ 125 މިލިއަން ޑޮލަރުގެ ތެރޭން 65 މިލިއަން ޑޮލަރު ވަނީ ހިފަހައްޓައިފަ އެވެ. އެމެރިކާގެ އެހީ ހިފެހެއްޓީ ފަލަސްތީނަށް ދޭ އެހީ ހުއްޓާލާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހު 2 ވަނަ ދުވަހު ދީފައި ވަނިކޮށެވެ.
ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަކަށް އެހީ ފޯރުކޮށްދެނީ ޔޫއެންއާރުޑަބްލިއުއޭ އިންނެވެ. އެ އެޖެންސީ 1949 ވަނަ އަހަރު އުފެއްދީ 1948 ވަނަ އަހަރުގެ އަރަބި-އިޒްރޭލް ހަނގުރާމަ އަށް ފަހު ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށެވެ. ޔޫއެންއާރުޑަބްލިއުއޭ އިން މިހާރު ދަނީ ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަކަށް ތައުލީމާއި ސިއްހީ އަދި ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.