ތަނަވަސްކަން ނެތިގެން ދައުލަތުން ވަކީލުން ހަމަޖައްސައިދޭ މައްސަލަތަކުގައި ޝަމީމް ވަކާލާތު ކޮށްދޭނީ ހިލޭ
ތަނަވަސްކަން ނެތިގެން ދައުލަތުން ވަކީލުން ހަމަޖައްސައިދޭ މައްސަލަތަކުގައި ޝަމީމް ވަކާލާތު ކޮށްދޭނީ ހިލޭ

ޖިނާއީ ބޮޑެތި މައްސަަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތިގެން ދައުލަތުން ވަކީލުން ހަމަޖައްސައިދޭ މީހުންގެ މައްސަލަތަކުގައި ހިލޭ ވަކާލާތު ކޮށްދޭން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހެ އެވެ. އެހެންވެ، މާލީ ތަނަވަސްކަން ނެތްތޯ ބެލުމަށް ފަހު، އެފަދަ މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައިދެނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.

ދެ އަހަރު ވަންދެން ސަސްޕެންޑު ކޮށްފައި ހުރުމަށް މިދިޔަ ހަފުތާގައި ސަސްޕެންޝަން އުވާލި ޝަމީމް ވިދާޅުވި ގޮތުގައި މާލީ ތަނަވަސްކަން ނެތިގެން އޭޖީ އޮފީސް މެދުވެރިކޮށް ވަކީލުން ހަމަޖައްސައިދޭ މައްސަލަތަކުގައި ހިލޭ ވަކާލާތު ކޮށްދޭނީ އޭޖީ އޮފީހުން ހަވާލުކުރާ އެފަދަ މައްސަލަތަކުގެ ތެރެއިން ފަހަރަކު އެއް މައްސަލާގަ އެވެ. އެކަން އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް މިހާރު އަންގާފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު އޮންނާނީ މިހާރު އޭޖީ އޮފީހަށް އެކަން އަންގާފައި. އޭޖީ އޮފީހުން ދިން ކޮންމެ މައްސަލައެއް ވެސް އަޅުގަނޑަށް މައްސަލައެއް ނެތް. ހަމަ ހިލޭ ވަކާލާތު ކޮށްދޭނަން. މިއީ އަޅުގަނޑުގެ ވަކީލުކަމުގެ ހުއްދަ އޮތްހާ ދުވަހަކު ކޮށް ދޭނެ ކަމެއް،" ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވެސް ވަކާލާތު ކުރައްވާފައިވާ ޝަމީމް ވިދާޅުވި އެވެ.

ޝަމީމް މީގެކުރިން ވެސް ވަނީ ބައެއް މައްސަލަތަކުގައި ހިލޭ ވަކާލާތުކޮށް ދެއްވައިފަ އެވެ. ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާ އަހުމަދުގެ ވަކީލެއްގެ ގޮތުގައި ވެސް ތަހުގީގު މަރުހަލާގައި ޝަމީމް ހަރަކާތްތެރިވީ އެއްވެސް އަގެއް ނުނަގަ އެވެ. އެ މައްސަލައާ ޝަމީމް ހަވާލުވީ ވެސް އަމިއްލަ އިސް ނެގުމުގަ އެވެ.

ޝަމީމް 2015 ގައި ސަސްޕެންޑްކުރީ އޭނާގެ މައްސަލައެއް ބަލަމުންދާތީ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޭނާއަށް އަލުން ހުއްދަ ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ.