ގާސިމްގެ ރިސޯޓުތައް މިއަދު ވެސް ފާސްކުރަނީ
ގާސިމްގެ ރިސޯޓުތައް މިއަދު ވެސް ފާސްކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަސް ރިސޯޓަށް މިއަދު ވެސް ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން އަރައި ފާސްކުރަމުން އަންނަ ކަމަށް ވިލާ ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ރިސޯޓުތައް މިއަދު ވެސް ފާސްކުރަނީ
ގާސިމްގެ ރިސޯޓުތައް މިއަދު ވެސް ފާސްކުރަނީ

ގާސިމްގެ ރިސޯޓުތައް ރޭ ފާސްކުރަން ފެށީ، ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓުގެ ނަމުގައި ދޫކުރި ބަނގުރާ، ސަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލައާ ގުޅުން ހުރި ހެކި ހޯދަން ކަމަށް ބުނެ އެވެ.

ގައިސަރު ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް އިން މިއަދު ވެސް ޗެކްކުރަނީ ރިސޯޓުތަކުގެ އިންވެންޓްރީ ކަމަށެވެ. ބޮޑަށް ބަލަނީ، ރަލާއި އޫރު މަހުގެ އިންވެންޓްރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުން ތިބޭ، ބާތައް ވެސް އަންނަނީ ޗެކްކުރަމުންނެވެ.

ގާސިމްގެ ރިސޯޓުތަކުގައި ހުރި، ފުލުހުން ތަހުގީގުކުރާ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކަކާއި ބަނގުރަލާއި އޫރު މަހުގެ ފިޒިކަލް ސްޓޮކާއި ސްޓޮކް ބަލަހައްޓާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސްޓޯރޭޖް ޑިވައިސްތަކުގެ އިތުރުން މައްސަލައާ ގުޅުން ހުރި ހުރިހާ ސާމާނެއް ފާސްކުރަން ވަނީ ހުއްދަ ދީފަ އެވެ. ގާޒީ އަލީ އާދަމް އިއްޔެ ރޭ ނެރުއްވާފައި އަމުރުގައި ފާސްކުރުމަށް ހުއްދަ ދީފައި ވަނީ 18 ގަޑިއިރެވެ.

"ރޭ ނިންމާލުމަށް ފަހު، މިއަދުވެސް އެބަ ހަރަކާތްތެރިވޭ ރިސޯޓުތަކުގައި. އަޅުގަނޑުމެން ފޮރުވާނެ އެއްޗެއް ނެތް. އެ ބޭފުޅުންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުން މި އަންނަނީ،" ގައިސަރު ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވީ އެ ކުންފުނީގެ ރިސޯޓްތައް ކަސްޓަމްސް އިން ފާސްކުރިޔަސް، ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ކަަސްޓަމްސްގެ އަމަލުން ލިބުނީ ކުއްލި ސިހުމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ، ވިލާގެ ރިސޯޓްތަކަށް އެރީ ވަކި ކުންފުންޏަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ރަލާއި އޫރުމަސް ދޫކުރާ ތަން ފިޔަވައި އެހެން ތަނަކަށް ގެންދޭތޯ އަބަދުވެސް ބަލަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށުގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ގޮތަށް މިހާރު ޖަރުމަނުގައި އުޅުއްވާ ގާސިމްގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފައިވެ އެވެ. އެގޮތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެންމެ ފުރަތަމަ ކުރި ދައުވާތައް ކުރިއަށް ދަނިކޮށް މިހާރު ވަނީ ގާސިމްގެ ތިން ކުންފުންޏެއް އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ދައުވާކޮށްފި އެވެ.