އެއްވެސް ސްޓޭޓެއްގައި "ޕަދްމާވަތު" ދެއްކުން މަނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
އެއްވެސް ސްޓޭޓެއްގައި "ޕަދްމާވަތު" ދެއްކުން މަނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު

އާންމުން ހަމަނުޖެހުން ހިންގަފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އިންޑިއާގެ އެއްވެސް ސްޓޭޓެއްގައި "ޕަދްމާވަތު" ފިލްމު މަނާ ނުކުރެވޭނެ ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ހަތަރު ސްޓޭޓެއްގައި މި ފިލްމު އެޅުވުން މަނާކުރީ ފިލްމާ ދެކޮޅަށް މަސައްކަތް ކުރާ ރާޖްޕޫތު ކަރްނީ ސޭނާ ޖަމާއަތުން ހަމަނުޖެހުން ހިންގައި ތަންތަނަށް ގެއްލުންދީފާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު ދީޕަކް މިސްރާ ވަނީ "ބެންޑިތު ކުއީން" ކަހަލަ ފިލްމެއް ރިލީޒްކުރުމުގެ ހުއްދަ ލިބިފައިވާއިރު މި ފިލްމު ނޭޅުވެންވީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. "ބެންޑިތު ކުއީން" އަކީ ޑާކޫއަކަށް އުޅެފައި ފަހުން ސިޔާސީ މީހަކަށްވީ ޕޫލަން ދޭވީގެ ހަޔާތާ ގުޅޭ ފިލްމެވެ.

"ޕަދްމާވަތު"ގެ ޕްރޮޑިއުސަރުން މިހާރު ވަނީ މި އަހަރު 25 ގައި ފިލްމު ރިލީޒްކުރަން ނިންމާފަ އެެވެ. ނަމަވެސް ރާޖަސްތާން، ގުޖްރާތު، ހަރްޔާނާ އަދި މަދްރަޕްރަދޭޝް ސްޓޭޓުން ވަނީ ސްޓޭޓްތަކުގައި ފިލްމު ދެއްކުން މަނާ ކުރުމުގެ ސަބަބުން އެ ސްޓޭޓުތަކުގައި ފިލްމު ރިލީޒް ކުރެވޭނެ ގޮތެއް ނެތިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ފިލްމުގެ ޕްރޮޑިއުސަރުންނެވެ.

"ފިލްމު ބޮކްސް އޮފީހުގައި ބޮމެއް ހެން ގޮވައި ވެސް ފާނެ ނުވަތަ މީހުން ފިލްމު ބަލާހިތް ނުވެގެން ނުބަލަވެސް ފާނެ. ނަމަވެސް ހަމަނުޖެހުން ހިންގަފާނެތީއޭ ކިޔާފައި އެއްވެސް ސްޓޭޓަކަށް އެމީހުންގެ އަތުގައި އޮތް ބާރުގެ ބޭނުންކޮށްގެން ފިލްމު ދެއްކުން މަނައެއް ނުކުރެވޭނެ،" ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

"ކަރްނީ ސޭނާ" ޖަމާއަތުގެ އެކްޓިވިސްޓުން ވަނީ ފިލްމު އަޅުވާ ސިނަމާތަކަށް ގެއްލުންދީ އެތަންތަނުގައި ހުޅުޖަހާނެ ކަމުގެ އިންޒާރުތައް ދީފަ އެވެ.

ރާޖަސްތާނުގެ އޮފިޝަލުން ބުނީ ސުޕްރީމް ކޯޓުގެ ނިންމުން ސަރުކާރުން މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. ހަޅުތާލުތައް ކުރަމުންދާ ނަމަ ފިލްމު އެޅުވުން ވަރަށް އުނދަގޫވާނެ ކަމަށާއި އެހެން ވެއްޖެ ނަމަ ކޯޓުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅަން ޖެހިދާނެ ކަމަށް ބުންޏެވެ.

ފިލްމު މަނާކުރަން ބާރު އަޅާ ފަރާތްތަކުން ކުރިން ވެސް މި ފިލްމުގެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ ފަހަރު އެ ކޯޓުން ވަނީ ފިލްމާ މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު އޮތީ ހަމައެކަނި އިންޑިއާގެ ފިލްމު ސެންސަރު ބޯޑަށް ކަމަށް ނިންމާފަ އެވެ. ސެންސަރު ބޯޑުން ވަނީ ފިލްމު ފާސްކޮށްދީފަ އެވެ.

ފިލްމާ ދެކޮޅުހަދާ ހިންދޫން ބުނަނީ ފިލްމުގައި ދައްކާ ހިންދޫންގެ ރާނީ އަކީ ހަމަ ހަގީގަތުގައި ވެސް އުޅުނު މީހެއް ކަމަށާއި ފިލްމުގައި ރާނީ ސިފަކޮށްފައި ވަނީ އަހްލާގެއް ނެތް މީހެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު ތާރީހީ އިލްމުވެރިން ބުނަނީ ފިލްމް ހަދާފައި ވަނީ ހިޔާލީ ވާހަކައެއްގެ މައްޗަށް ކަމަށެވެ.