18 ޖެނުއަރީ 2018 - 14:12

ގާހިރާ (ޖެނުއަރީ 18) - މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް ގަރުޟާވީ އުމުރަށް ޖަލަށްލާން މިސްރުގެ އަސްކަރީ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
ގަރުޟާވީ އަކީ މިސްރު މީހެއް ނަމަވެސް ދިރިއުޅުއްވަނީ ގަތަރުގަ އެވެ. ހުކުމް އައިސްފައި ވަނީ 2015 ވަނަ އަހަރު މިސްރުގައި ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައިވާ ކަމަށް ބުނެ އެވެ.
މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އޭގެ ތެރޭން ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ. ގަރުޟާވީއާ އެކު 17 މީހެއްގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ. ގަރުޟާވީގެ އިތުރުން ހަ މީހެއްގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ޣައިރު ހާޒިރުގަ އެވެ.
މި މައްސަލާގައި ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި މަނާކޮށްފައިވާ މުސްލިމް ބްރަދަހުޑުގެ ސީނިއާ މެންބަރުން ވެސް ހިމެނެ އެވެ.
އިންޓަނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޮލާސްގެ ޗެއާމަން ގަރުޟާވީ، 91، ގެ ނަން އިންޓަޕޯލުގެ ލިސްޓުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނަގައިފަ އެވެ. އިންޓަނޭޝަނަލް ޕޮލިސް އޮގަނައިޒޭޝަންގެ ލިސްޓުން ގަރުޟާވީގެ ނަން ނެގީ އޭނާއާ ދެކޮޅަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ ސިޔާސީ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް އެނގުމުންނެވެ.