ވޮލީން މި އަހަރު ބައިނަލްއަގްވާމީ ނުވަ މުބާރާތެއްގައި ވާދަކުރާނެ
ވޮލީން މި އަހަރު ބައިނަލްއަގްވާމީ ނުވަ މުބާރާތެއްގައި ވާދަކުރާނެ

މި އަހަރު ރާއްޖޭން ބައިނަލްއަގްވާމީ ނުވަ ވޮލީބޯޅަ މުބާރާތެއްގައި ބައިވެރިވާނެ އެވެ.

މީގެ ތެރެއިން ފުރަތަމަ މުބާރާތަކީ މާޗު 20-31 އަށް މާލޭގައި ބާއްވާ އޭވީސީ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ބައިވެރިވާނެ އެވެ.

ނުވަ މުބާރާތުގެ ތެރެއިން އަންހެން ކުޅުންތެރިންނަށް އޮތީ ތިން މުބާރާތެވެ. އެއީ މާލޭގައި ބާއްވާ ބީޗް މުބާރާތުގެ އިތުރުން ނޭޕާލުގައި ބާއްވާ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕާއި އޮގަސްޓް 18 އިން ސެޕްޓެމްބަރު 2 އަށް އޮންނަ އޭޝިއަން ގޭމްސް އެވެ.

ފިރިހެން ކުޅުންތެރިންނަށް އަށް މުބާރާތް އޮންނާނެ އެވެ. އެއީ ރާއްޖޭގައި ބާއްވާ ބީޗް މުބާރާތާއި އޭޝިއަން ގޭމްސްގެ އިތުރުން އޭވީސީ ބީޗް ވޮލީބޯޅަ ދެ ޓުއާއަކާއި ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕާއި ކިރްގިސްތާނުގެ އިންވިޓޭޝަން ކަޕާއި އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތެވެ.

މި އަހަރުގެ ވޮލީބޯޅަ ސީޒަން ފެށޭނީ ފެބްރުއަރީ 22 ގައި ފަށާ އިންޓަ ސްކޫލް ވޮލީބޯޅަ ފެސްޓިވަލުންނެވެ. ސީޒަން ނިމޭނީ ޑިސެމްބަރު 5 ގައި ފަށާ ޒޯނަލް ޗެމްޕިއަންޝިޕުންނެވެ. މި އަހަރު ވޮލީބޯޅަ އެސޯސިއޭޝަނުން ޖުމްލަ 16 މުބާރާތެއް ބާއްވާނެ އެވެ. އޭގެ ތެރޭގައި ކްލަބްތަކަށް ހާއްސަ މުބާރާތްތަކުގެ އިތުރުން އޮފީސް، ސްކޫލް އަދި ރިޒޯޓް މުބާރާތްތައް ވެސް ހިމެނެ އެވެ.