މި މީހާ މިހާތަނަށް 10،000 ގަބުރު ވަޅުލައިފި
މި މީހާ މިހާތަނަށް 10،000 ގަބުރު ވަޅުލައިފި

އިންޑިއާގެ މައިސޫރުގައި ދިރިއުޅޭ އައްޔޫބު ނަމަކަށް ކިޔާ މި މީހާއަށް "ބޮޑީ މިޔާން" އޭ ކިޔާފައި މީހުން ގޮވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އުމުރުން 38 އަހަރުގެ އައްޔޫބަކީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި ތިބޭ މީހުންގެ ގަބުރު ނަގައިގެން ސަހަރާއަށް ގެންގޮސް ވަޅުލުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. އޭނާ މި މަސައްކަތް ކުރާތާ ވިއްސަކަށް އަހަރު ވެފައި ވާއިރު މިއީ އޭނާ ހިލޭ ސާބަހަކަށް ކުރާ ކަމެކެވެ.

މި މީހާ މިހާތަނަށް 10،000 ގަބުރު ވަޅުލައިފި
މި މީހާ މިހާތަނަށް 10،000 ގަބުރު ވަޅުލައިފި

އައްޔޫބުގެ މި އާދަޔާޚިލާފު ދަތުރު ފެށުނީ ވެސް ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ. މައިސޫރުގެ އަވަށަޖަށް ދާން އައްޔޫބު ބަހުގައި ދަތުރުފެށީ ޓެކްސީ ކުރާނެ ކާރެއް ގަންނަން ޝޯރޫމަކަށް ދާށެވެ. އޭރު އޭނާގެ އުމުރުން އެންމެ 19 އަހަރެވެ.

ދަތުރުގެ ވަކި ހިސާބަކުން އޭނާއަށް ފެނުނީ މަގުމައްޗަށް ބަޔަކު އެއްވެގެން އުޅެނިކޮށެވެ. އެމީހުން ތިބީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮތް މީހެއްގެ ވަށާލައިގެންނެވެ. އެވަގުތު އައްޔޫބު އެތަނުގައި މަޑުނުކޮށް ދިޔައީ އެވެ. ނަމަވެސް އޭގެ 10 ގަޑިއިރު ފަހުން އޭނާ ގެޔަށް ދިޔަ މަގުމަތީ ފެނުނީ މަރުވެފައި އޮތް މީހާ ހަމަ އެ އޮތް ގޮތަށް ބާއްވާފައި އޮއްވަ އެވެ.

އައްޔޫބު އެނބުރި އައީ އޭނާ އަލަށް ގަނެފައިވާ ކާރުގަ އެވެ. ނަމަވެސް މަރުވެފައި އޮތް މީހާ ހުރަސްކޮށްފައި އަޅާނުލައި ދާކަށް އޭނާގެ ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ ކާރުން ފައިބައިގެން ގޮސް މަރުވެފައި އޮތް މީހާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ގެނެސް ކާރުގެ ފަހަތު ސީޓުގައި ބާއްވައިގެން މޯޗަރީއަށް ގެންދިޔަ އެވެ.
އޭނާ މި ކުރި ކަންތަކުން ނުކުމެދާނެ ނަތީޖާއަކާ މެދު އައްޔޫބު ވިސްނައެއް ނުލަ އެވެ. ގެއަށް އައުމުން އާއިލާގެ އެންމެން އޭނާ ދެކެ ވަރަށް ރުޅި އައެވެ. މައިސޫރުގައި އޭނާ ބާކީކޮށް އެކަހެރި ކޮށްލި އެވެ.

އިސާހިތަކު މައިސޫރު މީހުން އައްޔޫބު ބާކީކޮށްލި އެވެ. އެހެންވެ އޭނާ ދުވަސްކޮޅަކަށް ބެންގަލޫރޫގައި މަސައްކަތް ކުރަން ދިޔައީ އެވެ. އެ ތަނުގައި އޭނާ އުޅެނިކޮށް، މަރުވެފައި އޮތް މީހެއް މަގުމަތިން އަނެއްކާވެސް ފެނުނެވެ. މައިސޫރުން ނިކުންނަށް ޖެހުނީ މަރުވެފައި އޮތް މީހަކު ވަޅުލަން ގެންދިއުމުން ކަމަށް ވާތީ މިފަހަރު އޭނާ އިތުރަށް ވިސްނި އެވެ. އެކަމަކު އެ ގަބުރު ބާއްވާފައި ދާކަށް އޭނާއަކަށް ނުކެރުނެވެ.

މައިސޫރުން ވެސް އޭނާއަށް ނުކުންނަން ޖެހުނީ މިފަދަ ކަމެއްގަ އެވެ. އަނެއްކާވެސް ހަމަ މި ލައްވާލީ އެފަދަ ކަމެކެވެ. ކޮންމެ ގޮތެއް ވިޔަސް މަރުވެފައިވާ އެ މީހާ އެ ތަނަށް ދޫކޮށްލާފައި ދާކަށް އައްޔޫބުގެ ހިތެއް ނުރުހުނެވެ. އެހެންވެ އެ މީހާ ވަޅުލުމުގެ ކަންތައް ވެސް ކުރީ އޭނާ އެވެ.

މި ހާދިސާ އަށް ފަހު އައްޔޫބަށް އޭނާ ކުރަން ބޭނުންވާ ކަންތައްތައް ވިސްނުނެވެ. އަދި އަލުން މައިސޫރަށް ގޮސް، މީހުން ވަޅުލުމުގެ މަސައްކަތް ކޮށްދޭން ފެށީ އެވެ.

"މީހުން އަހަރެން ކުރާ މަސައްކަތް ދެކެ ވަރަށް ފޫހިވޭ އަދި މަލާމާތް ކުރޭ. އަހަރެން އެތައް ރެއަކު ނުނިދިފައި ރުއިމުގައި ހޭދަކުރިން،" އައްޔޫބު ބުންޏެވެ.

އޭނާ ފެންނައިރަށް މީހުން އޭނާއަށް ފުރަގަސްދެ އެވެ. ނަމަވެސް އެންމެ ފައިސާފޮއްޗެއް ނުލިބޭ ހާލުގައި ވެސް އައްޔޫބު އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓައެއް ނުލަ އެވެ. މާ ރަނގަޅަށް ކިޔެވިފައި ނެތުމުން އެކި ފަހަރު އެކި މަސައްކަތުން އާމްދަނީ ހޯދަމުން ދިޔަ އެވެ.

އޭނާއަށް ލިބޭ އާމްދަނީ ބަހަނީ ތިން ބަޔަށެވެ. އެއްބައި އާއިލާ އަށެވެ. އަނެއްބައި މަރުވެފައި މަގުމަތީގައި ތިބޭ މީހުންގެ ކަށުކަމާކެމީގެ ކަންކަމަށެވެ. އަދި މަގުމަތީގައި ދިރިއުޅޭ ނިކަމެތި ފަގީރުންނަށް ވެސް ބައެއް ދެ އެވެ.

ގެދޮރުނެތް ފަގީރުންނަށް ކާއެއްޗިއްސާއި އަންނައުނު ފޯރުކޮށްދީ ޔަތީމު ކުދިން ސްކޫލަށް ފޮނުވަ އެވެ. މިހެން އުޅެމުން އައްޔޫބު ކައިވެންޏެއް ކުރި އެވެ.

އައްޔޫބު ބުނި ގޮތުގައި އޭނާގެ އަލަތު ކައިވެނީގެ ރޭ ވެސް، މީހަކު ގުޅާފައި މަގުމަތީގައި ގަބުރެއް އޮތް ވާހަކަ އެންގި އެވެ. އެހެންވެ އެ ރޭ ވެސް އޭނާ ހޭދަކުރީ އެމީހާ ވަޅުލުމުގެ މަސައްކަތުގަ އެވެ.

"އަހަރެން އަންހެނުން ގާތު ބުނިން މީހަކު ބަލިވެގެން ގުޅީމައޭ މިދަނީ. އެކަމުން ފަހުން އޭނާއަށް އަހަރެން ކުރާ މަސައްކަތް އެނގުނީމަ ވެސް އެކަމަކާ މައްސަލައެއް ނުޖައްސާ،" އައްޔޫބު ބުންޏެވެ.

މީހުން އެހީތެރިކަމަށް އެދި ގުޅަން އައްޔޫބު އަތުގައި އަބަދުވެސް ހަ ފޯނު ބާއްވަ އެވެ. އައްޔޫބު ބުނި ގޮތުގައި ޕޮލިސް ޑިޕާޓްމަންޓްގެ އެހީތެރިކަމާއެކު މިހާތަނަށް އޭނާ 10،000 ގަބުރު ވަޅުލައިފި އެވެ.