ރޮނާލްޑޯ ނެތް މެޑްރިޑެއް ހިޔާލަށް ނުގެނެވޭ: ޒިދާން
ރޮނާލްޑޯ ނެތް މެޑްރިޑެއް ހިޔާލަށް ނުގެނެވޭ: ޒިދާން

މެޑްރިޑް (ޖެނުއަރީ 18) – ކްރިސްޓިއާނޯ ރޮނާލްޑޯ ނިސްބަތްވަނީ ރެއާލް މެޑްރިޑަށް ކަމަށާއި އޭނާ އެ ކްލަބް ދޫކޮށްލާ މަންޒަރު ހިޔާލަށް ނުގެނެވޭ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މި ސީޒަނުގައި ރޮނާލްޑޯގެ ކުޅުން އެވްރެޖްކޮށް ވަނީ ދަށްވެފަ އެވެ. އަދި މެޑްރިޑުގެ ނަތީޖާތައް ވެސް ސްޕެނިޝް ލީގުގައި ދަށެވެ. އަނެއްކޮޅުން ރޮނާލްޑޯ ވިއްކާލުމަށް ފަހު ޕީއެސްޖީގެ ނޭމާ ގެންނަން އުޅޭ ކަމުގެ ވާހަކަތައް ވެސް ދެކެވެ އެވެ.

"އަހަރެން އަބަދުވެސް ބުނަނީ އެއް ވާހަކައެއް. އަހަންނަށް ނުފެނޭ ރޮނާލްޑޯ ނެތް މެޑްރިޑެއް،" ޒިދާން ބުންޏެވެ. "ރޮނާލްޑޯ އަކީ އޭނާ ނިސްބަތްވާ މި ކްލަބުގެ ބަޔެއް. ކްލަބާއި ސަޕޯޓަރުން އަދި އެންމެން ވެސް އޭނާ ދެކެ ލޯބިވޭ."

ޒިދާން ބުނީ އޭނާ ޝައުގުވެރިވަނީ ކުޅިވަރު ބަޔަށް ކަމަށާއި ކޮންޓްރެކްޓާއި އެފަދަ ކަންކަމަށް ޝައުގެއް ނެތް ކަމަށެވެ. އޭނާ އެހެން ބުނިއިރު ކޮންޓްރެކްޓް މައްސަލައިގައި މެޑްރިޑާއި ރޮނާލްޑޯއާ ދެމެދު މައްސަލަ އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލް މެޑްރިޑުން ބްރެޒިލްގެ ތަރި ނޭމާ ގަންނާނީ ރޮނާލްޑޯ ވިއްކާލާފައި ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.