12 ޖުލައި 2016 - 13:36

ހޭގު (ޖުލައި 12) - އެކި ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ފިލިޕީންސް އިން ހުށަހެޅި މައްސަލާގައި ދަ ހޭގުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލުން މިއަދު ގޮތެއް ނިންމާނެ އެވެ.

ދެކުނު ޗައިނާ ކަނޑު ޗައިނާ އިން ވެރިކޮށްގެން އުޅޭތީ އެ ކަނޑުގެ މިލްކުވެރިކަމާ މެދު ކޯޓް އޮފް އާބިޓްރޭޝަނުން ގޮތެއް ނިންމައި ދިނުމަށް ފިލިޕީންސުން 2013 ވަނަ އަހަރު ހުށަހެޅި މައްސަލާގައި ވަނީ ޗައިނާ އިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެފަ އެވެ.

ދެކުނު ޗައިނާ ކަނޑުގެ އިތުރުން އެ ސަރަހައްދުގެ ޖަޒީރާތަކާއި ފަރުތައް ވެސް ޗައިނާ އިން ވެރިކޮށްގެން އުޅޭތީ އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ފިލިޕީންސްގެ އިތުރުން މެލޭޝިއާ، ބްރޫނާއީ އަދި ވިއެޓްނާމުން ވެސް ދައުވާ ކުރެ އެވެ.
ކަނޑުގެ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް ޗައިނާ އިން ބުނެފައި ވަނީ އެއީ އެ ގައުމުން ގަބޫލް ކުރާ ކޯޓެއް ނޫން ކަމަށެވެ. އަދި ޗައިނާ އިން ވަނީ ކޯޓު މަރުހަލާގެ އަޑު އެހުންތައް ބޮއިކޮޓް ކޮށްފަ އެވެ. ޗައިނާ އިން ބުނަމުން ދަނީ ދެކުނު ޗައިނާ ކަނޑާ މެދު ގޮތެއް ނިންމުމުގެ ބާރު އެ ޕެނަލަށް ލިބިގެން ނުވާ ކަމަށެވެ. އެހެން ކަމުން ތަޖުރިބާކާރުން ބުނަނީ ކޯޓުގެ ނިންމުން ފިލިޕީންސްއާ އެއްކޮޅަށް ނިންމި ނަމަވެސް ޗައިނާ އިން އެ ނިންމުމަށް ތަބާނުވާނެ ކަމަށެވެ.
ކޯޓުގެ ނިންމުމަށް އެއް ދުވަހަށްވެފައި ވަނިކޮށް ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ޕަރަސެލް އައިލެންޑްސްއާ ކައިރީގައި ޗައިނާ އިން ވަނީ އަސްކަރީ ތަމްރީނުތަކެއް ނިންމާލައިފަ އެވެ. އެމެރިކާ އިން ވެސް މިހާރު ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއި ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ގެންގޮސްފަ އެވެ.
ހޭގުގެ ކޯޓުގެ ނިންމުމުގެ ކުރިން ޗައިނާ އިން ވަނީ ބައިނަލްއަގުވާމީ ގޮތުން ތާއީދު ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ޓްރައިބިއުނަލްގެ ނިންމުމަށް ދެކޮޅު ހެދުމަށް ނިންމާފައި ނިންމުމަށް 60 ގައުމަކުން ތާއީދުކޮށްފައިވާ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.