18 ޖެނުއަރީ 2018 - 14:04

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާކުރާ ރިޝްވަތުގެ މައްސަލައިގައި ރާއްޖެ އިން ބޭރުގެ މިނިވަން ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ހެދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސަށް ކުރާ ދައުވާގައި ފާރިސާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ފޮރެންސިކް ތަހުލީލެއް މިނިވަން ފަރާތެއް މެދުވެރިކޮށް ހަދަން ފާރިސްގެ ފަރާތުން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިނިވަން ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލެއް ހެދޭނެ އިންތިޒާމް ހަމަޖެހޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށާއި އޭގެ ތަފްސީލުތައް އަންނަ ހަފުތާގައި ލިބޭނެ ކަމަށެވެ. އޭރުން އެ މައުލޫމާތު ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ކުރާ ނަމަ އެ ކަމަށް ހިނގާ ޚަރަދު ވެސް ފާރިސްގެ ފަރާތުން ދޭނެ ކަމަށް ފާރިސްގެ ވަކީލުން ކުރިން އޮތީ ކޯޓުގައި ބުނެފަ އެވެ.
ފާރިސްގެ އެ ހުށަހެޅުމަށް ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ. ދައުލަތުން ބުނީ މިނިވަން ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލެއް ކުރަން ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އެފަދަ ނިޒާމެއް ރާއްޖޭގައި ނެތަސް، ބޭރު ގައުމުތަކުގައި ވެސް އެކަން އެގޮތަށް ކުރެވޭ ކަން ދައުލަތުން ފާހަގަކުރި އެވެ.
އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެކަމާ ބެހޭ ތަފްސީލުތައް ހަތް ދުވަސް ތެރޭގައި ކޯޓަށް ހުށަހަޅަން ފާރިސްގެ ވަކީލުންނަށް ފުރުސަތު ދެއްވައިފަ އެވެ. އެ މުއްދަތުގައި ހުށަނާޅައިފި ނަމަ، ދެ ފަރާތުގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ. އެކަމަކު މިނިވަން ފޮރެންސިކް ތަހުލީލުގެ މައުލޫމާތު ފާރިސްގެ ވަކީލުން ފާހަގަ ކުރުމުން އެ ހުށަހެޅުންތަކާ މެދު މިއަދު ގޮތެއް ނުނިންމަ އެވެ.
ފާރިސްގެ ފަރާތުން 23 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި މިނިވަން ފޮރެންސިކް ތަހުލީލެއް ހެދުމާ ބެހޭ ހުށަހެޅުމެއް ވެސް އޮތެވެ.