19 ޖެނުއަރީ 2018 - 07:04

ބައެއް އަންހެނުން މައްސަރުކަންތައް ޖެހުމުން ޗޮކްލެޓް ކައި ހިތްވެ އެވެ. މި ދުވަސްވަރު ދިމާވާ ބަނޑުގައި ރިއްސުމާއި ބަނޑު އަކުނިވަޔަށް ދެމުން ފަދަ ކަންތައްތަކަށް ޗޮކްލެޓުން ލުއިވެ އެވެ. ނަމަވެސް މި ދުވަސްވަރު ޗޮކްލެޓް ކާ ހިތް އިތުރުވަނީ ކީއްވެގެން ކަމެއް ވަރަށް ގިނަ އަންހެނުންނަކަށް ނޭނގެ އެވެ.
ދަ އިންޑިޕެންޑެންޓްގައި ބުނެފައިވާ ގޮތުން މިކަން މެދުވެރިވަނީ ހޯމޯންތައް ބެލެންސް ނުވާތީ އެވެ. މައްސަރުކަންތައް ޖެހޭތާ ކުރީކޮޅު ޕްރޮޖެސްޓެރޯން އާއި އެސްޓްރޯޖެން ލެވެލް ވަރަށް ބޮޑަށް ދަށްވެ އެވެ. މާ ބޮޑަށް ބަނޑުހައިކަން އިހްސާސް ވަނީ އެހެންވެ އެވެ.
މި ދުވަސްވަރު ސްޓްރެސް ހޯމޯން ކޯޓިސޯލް ކުޑަކޮށް މައްޗަށް ޖެހޭނެ އެވެ. އަދި ހިތްހަމަޖެހުން އިހްސާސް ކޮށްދޭ ސެރޮޓޯނިން ހޯމޯން ވަރަށް ބޮޑަށް ދަށްވާނެ އެވެ. ހޯމޯނަލް އިމްބެލެންސް މިހާ ބޮޑުވުމުން ފޮނި ކާއެއްޗެތި ކާހިތްވާލެއް އިތުރުވެ އެވެ. ފޮނި ކާއެއްޗެއް ކާލުމުން ހިތްހަމަޖައްސައިދޭ ހޯމޯން އުފެދޭލެއް އިތުރުވެ ހިތްހަމަޖެހުން އިހްސާސް ކުރެވޭނެ އެވެ.
ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިކަން ވަނީ މިހެންނެއް ނޫނެވެ. ހޯމޯންތައް ބެލެންސް ނުވުން އެއީ ވެސް މައްސަލައަކަށް ވިޔަސް އެއީ ހަމައެކަނި ސަބަބެއް ނޫނެވެ. މިގޮތަށް ގަބޫލުކުރާ މީހުންގެ ތެރޭގައި އޮސްޓްރޭލިޔާގެ ޑައިޓީޝަނެއް ކަމަށްވާ މެލަނީ މެކްގްރައިސް ހިމެނެ އެވެ.
އޭނާ ހެކި ދައްކާފައިވަނީ 2004 ގައި އެމެރިކާ އާއި ސްޕޭންގެ ބައެއްގެ މެދުގައި ކޮށްފައިވާ ދިރާސާ އަކުންނެވެ. މި ދިރާސާގައި ބައިވެރިވި އެމެރިކާ މީހުން ބުނެފައިވަނީ މައްސަރު ދުވަސްވަރު ޗޮކްލެޓް ކާހިތް މާ ބޮޑަށް ވާ ކަމަށެވެ. ނަމަވެސް ސްޕޭން މީހުން ބުނެފައިވަނީ އެމީހުން ޗޮކްލެޓް ކާހިތްވަނީ މަސައްކަތް ކުރަން އިންނަ ވަގުތު ނުވަތަ ރޭގަނޑުގެ ކެއުމަށް ފަހުގައި ކަމަށެވެ. އެމީހުން ޕީރިއަޑް ވުމާއި ޗޮކްލެޓް ކާހިތްވުމަކާ އެއްވެސް ވަރެއްގެ ގުޅުމެއް ނެތެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މައްސަރު ކަންތައް ޖެހުމުން ޗޮކްލެޓް ކާހިތްވުން އެއީ އިވިފައިވާ އަޑުތަކެއްގެ މައްޗަށް ބިނާކޮށް އެމީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގެ ސަބަބުން ދިމާވާ ކަމެކެވެ.
ފަހުގެ ދިރާސާތައް ރިވިއުކުރުމަށް ފަހު ޑައިޓީޝަން ބުނީ މައްސަރު ދުވަސްވަރު ޗޮކްލެޓް ކާހިތްވުމަކީ ނަފްސާނީ އަދި އެބައެއްގެ ތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތާ ގުޅިފައިވާ ކަމެއް ކަމަށެވެ.
"މައްސަރު ދުވަސްވަރު ހޯމޯނަށް އަންނަ ބަދަލުތަކުން އަހަރެމެންނަށް ވަރުބަލިކަމާއި ސްޓްރެސް އިހްސާސް ކުރެވޭ. އެހެންވެ އެ ކަންތައްތަކުން ލިބޭ ހިތްހަމަނުޖެހުން ފިލުވައިލަން އެންމެ މީރު އެއްޗެއް ކާލަން އިސްކަން ދެވެނީ،" ޑައިޓީޝަން ބުންޏެވެ.