އަންހެނަކާ އެކު ޓްރަމްޕް ގުޅުން ބޭއްވިކަމުގެ ހެކިތަައް ހާމަވަނީ
އަންހެނަކާ އެކު ޓްރަމްޕް ގުޅުން ބޭއްވިކަމުގެ ހެކިތަައް ހާމަވަނީ

ވޮޝިންޓަން (ޖެނުއަރީ 18) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ކަސްބީ އަންހެނަކާ ގުޅުން ބޭއްވިކަމުގެ އިތުރު ހެކިތައް ހާމަވާން ފަށައިފި އެވެ.

ޕޯން ފިލްމުތަކުގެ ބަތަލާ ސްޓެފާނީ ކްލިފޯޑާ އެކު ޓްރަމްޕް ބޭއްވި ގުޅުންތައް ސިއްރު ކުރަން 2016 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ވަނީ ކްލިފޯޑަށް 130،000 ޑޮލަރު ދީފަ އެވެ.

ޓަޗް މެގަޒިން އަށް 2011 ވަނަ އަހަރު ކްލިފޯޑް، 38، ދީފައިވާ އިންޓަވިއުގެ ބައިތައް މި ހަފުތާގައި ވަނީ އާއްމުވާން ފަށައިފަ އެވެ. އެ އިންޓަވިއުގައި ކްލިފޯޑް ނުވަތަ އޭނާގެ މަޝްހޫރު ސްޓޭޖް ނަމުން ނަމަ ސްޓޯމީ ޑެނިއަލްސް ވަނީ 2006 ވަނަ އަހަރު ޓްރަމްޕާ އެކު އުފެދުނު ގުޅުންތައް އަހަރުތަކަކަށް ދެމިގެން ދިޔަ ކަމަށް ބުނެފަ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި ޓްރަމްޕާ އެކު އޮތް ގުޅުންތައް ބޭޒާރު ނުކުރާ މަތިން ކްލިފޯޑަށް ފައިސާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ ޓްރަމްޕުގެ ޒަމާންވީ ވަކީލް މައިކަލް ކޯއެން އެވެ. އަދި އެ ފައިސާ ދީފައި ވަނީ އޮކްޓޯބަރު 2016 ގައި ކަމަށް ބުނެފައިވެ އެވެ. އެކަމަކު ވައިޓް ހައުސް އިން ވަނީ އެ ރިޕޯޓްތައް ދޮގުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ އަންހެނުން ވަނީ އުމުރުން 71 އަހަރުގެ ޓްރަމްޕާ ދެކޮޅަށް ޖިންސީ ގޯނާގެ އެތައް ޝަކުވާއެއް ފެންމަތިކޮށްފަ އެވެ.