19 ޖެނުއަރީ 2018 - 07:09

މި މަހުގެ 25 ވަނަ ދުވަހަކީ ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ޚާއްސަ ދުވަހެކެވެ. އެ ދުވަހު ވަރަށް ބޮޑު ދެ ފިލްމެއް ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެ އެވެ. އެއީ ސަންޖޭ ލީލާ ބާންސާލީގެ މައްސަލަތަކުން ފުރިފައިވާ ފިލްމު "ޕަދްމާވަތު" އާއި އަކްޝޭ ކުމާރުގެ "ޕެޑްމޭން" އެވެ.
މި ކުރިމަތިލުން ފިނިކުރުމަށްޓަކައި "ޕަދްމާވަތު"ގެ ޓީމުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި "ޕެޑްމޭން" އަށް ވުރެ އެއް ދުވަސް ކުރިން "ޕެއިޑް ޕްރިވިއުޒް" ޝޯއެއް ކަނޑައަޅައި ވަކި ބަޔަކަށް ޖެނުއަރީ 24 ވަނަ ދުވަހުގެ ރޭ ދައްކަން މިހާރު ނިންމާފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
"ޕެއިޑް ޕްރިވިއުޒް" ޝޯ ތަކަކީ ހޮލީވުޑްގައި ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިއީ ފިލްމު ރިލީޒްކުރާ ދުވަހުގެ ކުރީ ދުވަހު ދައްކާ ޝޯ އެކެވެ. ވަރަށް ކުޑަ ފީއެއް ދީގެން މި ޝޯއަށް އާންމުކޮށް ވަންނަނީ ނޫސްވެރިންނާއި ފިލްމުތަކަށް ފާޑުކިޔާ ފަރާތްތަކުންނެވެ. އަދި ވަކި އެކްޓަރަކަށް މާ ގަދަޔަށް ސަޕޯޓްކުރާ ނަމަ އަދި އެހެން މީހުން ބެލުމުގެ ކުރިން އެ ފިލްމު ބަލަން ބޭނުން ނަމަ މި ޝޯއަށް މީހުން ވަދެ އެވެ.
ޝޯ ބަލާ މީހުންގެ ތެރެއިން ފިލްމުގެ ރިވިއު ލިޔަނީ ވަކި ބައެކެވެ. "ޕަދްމާވަތު"ގެ ފުރަތަމަ ރިވިއު ލިޔުމުގެ ފުރުސަތު ލިބޭނީ ހަމަ އެންމެ ފަރާތަކަށެވެ. މިކަމުގެ ސަބަބުން ފިލްމާ ދޭތެރޭ މީހުންނަށް އަރާފައި އޮތް އޮޅުންތައް ފިލައި ފިލްމާ ދެކޮޅު ހަދާ މީހުންތައް މައިތިރިވާނެކަމަށް "ޕަދްމާވަތު"ގެ ޓީމުން ގަބޫލު ކުރެ އެވެ.
"ޕަދްމާވަތު" މިހާރު ވެސް ވަނީ އިންޑިޔާގެ ހަތަރު ސްޓޭޓެއްގައި ދެއްކުން މަނާ ކޮށްފަ އެވެ. އެއީ ހަރްޔާނާ، ރާޖަސްތާން، މަދްޔަ ޕްރަދޭޝް އަދި ގުޖްރާތެވެ.
މި ސަބަބުތަކާ ހުރެ ބޮކްސް އޮފީހުގައި ފިލްމަށް ދިމާވެދާނެ މައްސަލަތަކުން ސަލާމަތް ވާން "ޕަދްމާވަތު"ގެ ޓީމުން އަންނަނީ ވަރަށް ބޮޑަށް މަަސައްކަތް ކުރަމުންނެވެ.
"ޕަދްމާވަތު"ގެ ޕެއިޑް ޕްރިވިއުޒް ޝޯއެއް ދައްކަން ހަމަޖެހިފައިވާކަން ޔަގީންކޮށްދެމުން މުމްބައިގެ މަލްޓިޕްލެކްސްއެއްގެ ވެރިޔާ މަނޯޖް ދެސާއީ ބުނީ "ޕެޑްމޭން" ރިލީޒްކުރަނީ ޖެނުއަރީ 25 ގައި ނަމަވެސް "ޕަދްމާވަތު" ޖެނުއަރީ 24 ގައި ދައްކަން ފަށާނެ ކަމަށެވެ.
ފިލްމާ ދެކޮޅު މީހުން ގިނަ ކަމުން، ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަނީ ވަރަށް ކުޑަކޮށެވެ.