18 ޖެނުއަރީ 2018 - 11:32

ނިއު ދިއްލީ (ޖެނުއަރީ 18) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސަރުކާރު ސްކޫލްތަކުގައި ދަރިވަރުން ކްލާހުގައި އުޅޭ ގޮތް މޯބައިލް ފޯނު އެޕެއް މެދުވެރިކޮށް ބެލެނިވެރިންނަށް ވަގުތުން ބެލޭނެ ގޮތް ހަދަން ނިންމައިފި އެވެ.
މިއީ ސްކޫލްތަކުގައި މަރާމާރީ އާއި ރޭޕް ކުރުމުގެ ހާދިސާތައް އިތުރުވަމުންދާތީ އެކަން ހުއްޓުވަން އަޅާ ފިޔަވަޅެކެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގައި ވެސް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ސީސީޓީވީ ހަރުކޮށް ނިމޭނެ ކަމަށެވެ. އަދި ކެމެރާ ހަރުކުރުމުން ސްކޫލްތައް މާބޮޑަށް ވެސް ޓްރާންސްޕޭރަންޓްވެ ސްކޫލްތައް ޒިންމާދާރު ކުރެވި އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
މިއީ ސްކޫލްތަކުގައި ކުށް ކުރުން ހުއްޓުވަން ވެސް އަޅާ ފިޔަވަޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އިންޑިއާގެ ސްކޫލެއްގެ ފާޚާނާގެ ތެރޭގައި ދަރިވަރަކު މަރާލައިފަ އެވެ. މި ނުރައްކާތެރި ހާދިސާ ހިންގާފައި ވަނީ ދިއްލީއާ 20 މޭލު ދުރުގައި އޮންނަ ގާގައޮންގެ ރިއާން އިންޓަނޭޝަނަލް ސްކޫލްގަ އެވެ. އޭގެ ފަސް ދުވަސް ފަހުން ވަނީ ދިއްލީގެ އިރުން އޮންނަ ޓައުނެއްގެ ސްކޫލެއްގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފަ އެވެ.
ސްކޫލްތަކުގައި ކެމެރާ ހަރުކުރުމަށް ބައެއް ބެލެނިވެރިން ތާއިދު ކުރި ނަމަވެސް އަނެއް ބައި ބެލެނިވެރިން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.