ވަގު ކޮޕީ އެންމެ ގިނައީ ޝާހްރުކްގެ "ރައީސް" ގެ
ވަގު ކޮޕީ އެންމެ ގިނައީ ޝާހްރުކްގެ "ރައީސް" ގެ

ހިންދީ ފިލްމު އިންޑަސްޓްރީން މިހާރު އުފައްދާ ހުރިހާ ފިލްމުތަކެއް ކަހަލަ ގޮތަކަށް ޕައިރަސީގެ ޝިކާރައަކަށް ވެއެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން ނުވަތަ ރިލީޒްކުރާތާ މާ ގިނަ ދުވަހެއް ނުވެ އެ ފިލްމެއްގެ ވަގު ކޮޕީތައް ދައުރުވާން ފަށަ އެވެ.

ޖަރުމަނުގެ ކުންފުންޏަކުން ދާދިފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ވަގު ކޮޕީ ހައްދާފައިވަނީ ޝާހްރުކް ޚާންގެ "ރައީސް" ގެ އެވެ.

މި ފިލްމުގެ ކޮޕީ ފައިލްތައް ހަ މިލިއަނަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައިވެ އެވެ. ދެ ވަނައިގައި އޮތީ ރިތިކް ރޯޝަންގެ "ގާބިލް" އާއި އަކްޝޭ ކުމާރުގެ "ޖޮލީ އެލްއެލްބީ 2" އެވެ.

"ގާބިލް"ގެ ފައިލްތައް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ގިނަ ފަހަރު ޝެއާކޮށްފަ އެވެ. "ޖޮލީ އެލްއެލްބީ 2"ގެ ފައިލްތައް ހަތަރު މިލިއަނަށް ވުރެ ގިނަ ފަހަރު ޝެއާ ކޮށްފައިވެ އެވެ.

މި ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ވެސް އަކްޝޭގެ ފިލްމެކެވެ. އެއީ ބޫމީ ޕަޑްނޭކަރާ އެކު އޭނާ ކުޅުނު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ. ފަސް ވަނައިގައި އޮތީ އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ހާފް ގާލްފްރެންޑް" އެވެ.

"ރައީސް"ގެ ޑައިރެކްޓަރު ރާހޫލް ޑޯލަކިއާ ކުރި ޓުވީޓެއްގައި ބުނީ "ރައީސް" އަކީ މިދިޔަ އަހަރު އެންމެ ގިނައިން ޕައިރޭޓް ކުރި ފިލްމުކަން އެނގުމުން ބުނާނެ އެއްޗެއް ނޭނގިފައި ހުރި ކަމަށެވެ.

"ގާުބިލް"ގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ބުނި ގޮތުގައި ދެކުނު އިންޑިއާ އިން އުފައްދާ ފިލްމުތަކަކަށް މި މައްސަލައެއް ދިމަލެއް ނުވެ އެވެ. ސަބަބަކީ އެމީހުން އެންމެން ގުޅިގެން އެ މައްސަލައާ ދެކޮޅަށް މަސައްކަތް ކުރާތީ އެވެ. ބޮލީވުޑްގައި މިކަހަލަ އެއްބައިވަންތަކަމެއް އޮންނާނެ ދުވަހެއް އަދި އޮތީ ވަރަށް ދުރުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޕައިރަސީގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި ފިލްމު އުފައްދާ ފަރާތަކަށް ނޫނެވެ. ފިލްމުގައި ބައިވެރިވާ ހަމަ ކޮންމެ ފަންނާނަކަށް ވެސް މީގެ ގެއްލުން ފޯރަ އެވެ.