18 ޖެނުއަރީ 2018 - 11:08

ޕެރިސް (ޖެނުއަރީ 18) – ފްރާންސް ލީގުގައި ރޭ ޑިޔޯން އަތުން 8-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާ ހަތަރު ލަނޑު ޖަހައިފި އެވެ.
ދުނިޔޭގެ ރެކޯޑް އަގެއްގައި ބާސެލޯނާ އިން ޕީއެސްޖީ އަށް މި ސީޒަނުގައި ބަދަލުވި ނޭމާ ވަނީ ހަތަރު ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ޕީއެސްޖީގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން އެންހެލް ޑި މަރިއާ ޖެހިއިރު އެޑިންސަން ކަވާނީ އާއި ކީލިއަން އެމްބާޕޭ ވެސް ލަނޑު ޖެހި އެވެ.
މި މެޗުގައި ކަވާނީ ޖެހި ލަނޑާ އެކު އޭނާ ވަނީ ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޒަލަޓާން އިބްރަހިމޮވިޗް ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ. ޕީއެސްޖީ އަށް 2012 އިން 2016 އަށް ކުޅެފައިވާ އިބްރަހިމޮވިޗާއި ކަވާނީގެ ޖުމްލައަކީ 156 ގޯލެވެ.
މި މެޗުގައި ޕީއެސްޖީ އަށް ޖެހި ޕެނަލްޓީ ކަވާނީ ޖެހި ނަަމަ އޭނާ އަށް ރެކޯޑް އަމިއްލަކުރެވުނީހެވެ. އެކަމަކު ޕެނަލްޓީ ޖެހީ ނޭމާ އެވެ. އެއާ އެކު އޭނާ އަށް ބައެއް ސަޕޯޓަރުން ދިމާކުރި އެވެ.
މި މޮޅާ އެކު ޕީއެސްޖީ ތާވަލުގެ އެއް ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 45 ޕޮއިންޓާ އެކު އޮތީ އޮލިމްޕިކް ލިޔޯން އެވެ. ތިން ވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.