ސައުދީން ވަނީ މުސްލިމުންނަށް ބޭވަފާތެރިވެފައި: ޚާމަނާއީ
ސައުދީން ވަނީ މުސްލިމުންނަށް ބޭވަފާތެރިވެފައި: ޚާމަނާއީ

ތެހެރާން (ޖެނުއަރީ 18) - އެމެރިކާ އާއި އިޒްރޭލާ ސައުދީ އަރަބިއާ އިން އެއްބައިވުމަކީ "ޝައްކެއް ނެތް ގޮތުގައި މުސްލިމުންނަށް ބޭވަފާތެރިވުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ތެހެރާނުގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ޕާލަމެންޓްތަކުގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށެވެ. ޚާމަނާއީ ވަނީ އެމެރިކާ އާއި ޒަޔަނިސްޓުންނަށް ސައުދީން އެހީވަމުންދާ ކަމަށް ބުނެ ފާޑު ވިދާޅުވެފަ އެވެ.

"މިއީ ޝައްކެތް ނެތް ގޮތުގައި އިސްލާމީ އުއްމަތަށާއި މުސްލިމް ދުނިޔެ އަށް ވަރަށް ބޮޑު ބޭވަފާތެރިވުމެއް،" ޚާމަނާއީ ވިދާޅުވި އެވެ.

ޚާމަނާއީގެ ތަގްރީރުގައި ވަނީ ކުރިން އީރާނާ ދެކޮޅު ގައުމުތަކާ އެކު ވެސް ސުލްހަވާން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މުސްލިމުންގެ ބޮޑު އާބާދީ އާއި މުސްލިމުންނަށް ލިބިފައިވާ ފުރުސަތުތަކަށް ބަލާއިރު ދުނިޔޭގައި ނުފޫޒުގަދަ ބަޔަކަށް މުސްލިމުންނަށް ވެވިދާނެ ކަމަށް ވިދާޅުވި އެވެ.

އީރާނާއި ސައުދީ އަރަބިއާގެ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުުވުންތައް އުފެދިފަ އެވެ. އެމެރިކާގެ ރައީސް މިދިޔަ އަހަރު ގުދުސް އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އީރާނާ މެދު މުސްލިމް ގައުމުތަކުގެ ކަންބޮޑުވުން އިތުރުވާ މިންވަރަކަށް އެ ގައުމުތަކުން އިޒްރޭލާ ގާތްވަމުންދާ ކަމަށެވެ.

އިޒްރޭލުގެ ވަޒީރަކު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ އީރާނާ މެދު ސައުދީ އާއި އިޒްރޭލުން ދެކޭ ގޮތް އެއްގޮތް ކަމަށެވެ.

ދައުލަތެއްގެ ގޮތުގައި އީރާނުން އިޒްރޭލް ބަލައިގެންފައެއް ނުވެ އެވެ.